މެލޭޝިއާގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ޒުވާން ދަރިވަރަކު ނިޔާވެފައިވާއިރު، އެ ޒުވާނާގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ދަރިވަރެއް ކަމަށްވާ އާމިނާ އިމީލީ ނާޒިމެވެ. އޭނާ ނިޔާވީ މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި އެކްސިޑެންޓެއްގައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި ހެޔޮ ދުޢާ ކުރައްވާފައެވެ.
"މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މި އެކްސިޑެންޓުގައި ނިޔާވި އިމީލީއަކީ އައްޑޫ ހިތަދޫ އަށް ނިސްބަތްވާ، މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ ނިޔާވެފައިވަނީ މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގާފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރީގައި އޮންނަ ސަންވޭ ސަރަހައްދުގައެވެ. މިއީ އެ ސަރަހައްދުގެ ހައިވޭއެއްގައި ހިނގި ކާރު އެކްސިޑެންޓެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، ދަރިވަރު ދަތުރުކުރި ކާރު ހައިވޭގައި އެހެން ކާރަކާ މުޑިއަރައި ހިނގި މި އެކްސިޑެންޓުގައި، އެ ކާރު އޮތީ މަގުމައްޗަށް ފުރޮޅާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!