ރާއްޖޭގައި މާލީ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުޑަކުދިންނަށް ޚާއްސަކޮށްގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ "ފިންލިޓް ފެސްޓް 2026" ގެ ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް ބަހާލާފައިވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ގްރޭޑް 5 އިން 7 ގެ ކެޓަގަރީގެ އިތުރުން ގްރޭޑް 8 އިން 9 ގެ ކެޓަގަރީއެވެ. މި މުބާރާތުގައި ޑިޖިޓަލް ކުރެހުންތަކާއި، ޑިޖިޓަލް ނޫން އާދައިގެ ކުރެހުންތައް ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ކުރެހުން ހުށަހެޅުމަށް ފަސް ތީމެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލީ ދުޅަހެޔޮކަމާއި ވިސްނުންތެރިކަމާއެކު ފައިސާ ގެންގުޅުމާއި، ފައިސާ ރައްކާކުރުމާއި މުސްތަގުބަލުގެ އަމާޒުތަކުގެ އިތުރުން، އެންމެން ބައިވެރިވާ މާލީ އިގްތިސާދެވެ. މީގެއިތުރުން، އީޖާދުތަކާއި ކުރިމަގުގައި ފައިސާ، އަދި ރައްކާތެރި ޒިންމާދާރު ދެމެހެއްޓެނިވި މާލީ ނިޒާމު ވެސް މުބާރާތުގެ ތީމްތަކުގެ ތެރޭގައި ހިމެނެއެވެ.
ފިންލިޓް ފެސްޓް ކުރެހުމުގެ މުބާރާތުން ވަނަތައް ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، މި މުބާރާތަށް ކުރެހުން ހުށަހަޅައިގެން 3،000 ރުފިޔާއާ ހަމައަށް އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތަށް ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން ހޮވާލެވޭ ބައެއް އުފެއްދުންތައް ބޭނުންކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން ހޮވާލެވޭ ކުރެހުންތައް އެމްއެމްއޭގެ އެކިއެކި އިވެންޓްތަކުގައާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނުތަކުގައި ބޭނުންކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މުބާރާތަށް ކުރެހުން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް finlit@mma.gov.mv މެދުވެރިކޮށް އީމެއިލުން ކުރެހުން ފޮނުވުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އީމެއިލްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ކުރެހުމުގެ އަސްލު ފޮނުވައިގެން ވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 1 ނޮވެންބަރު 2026 ގެ 23:59 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!