ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ގެ ހަތަރުވަނަ އެޑިޝަން، މި މަހުގެ 17 ވަނަ ދުވަހު ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، މުޅި އާއިލާއަށް ހާއްސަކޮށްގެން ބާއްވާ ހިނގާލުމެކެވެ.

Ad
rt

މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. އަދި ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމުގެ ގޮތުން ޕެންޝަން އޮފީހުން އަހަރަކު އެއްފަހަރު މި ހަރަކާތް ސިލްސިލާކޮށް ކުރިއަށްގެންދެއެވެ.

މި އިވެންޓުގެ އެންމެ ހާއްސަ އަދި މުހިންމު އެއް ބަޔަކީ، އެއް އާއިލާއެއްގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ފުރިހަމަކުރާ އެއް ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މިއީ ހަމައެކަނި ހަށިހެޔޮކަމަށްޓަކައި ކުރިއަށްގެންދާ ހިނގާލުމެއް ނޫން ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި، މާލީގޮތުން ރައްކާތެރި އަދި ތަނަވަސް މުސްތަގުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުހަލާއަކަށް އެކަނި ހާއްސަވެފައިވާ ކަމެއް ނޫންކަން މި ހިނގާލުމުން ރަމްޒުކޮށްދެއެވެ. އަދި އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރު ދުވަހަށް ދެމިގެންދާ ދަތުރެއް ކަމަށާއި، މުސްތަގުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އާއިލާގެ ކޮންމެ ޖީލެއްގެ ވެސް ޒިންމާއެއްކަން މި ހަރަކާތުގެ ތެރެއިން ހަނދާންކޮށްދޭނެއެވެ.

މި ހިނގާލުމަށްފަހު، ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ އުފާވެރި އަދި ފޯރިގަދަ އާއިލީ ހަވީރެއް ކުރިއަށްދާނެއެވެ. މި ހަވީރުގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ޝައުގުވެރިވާނެ ފަދަ ތަފާތު ކުޅިވަރުތަކާއި، ދިވެހިންގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހާއްސަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އާންމުންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ސްޓޯލްތަކާއި، ތަފާތު އެކި ރަހަތައް ހިމެނޭ ފުޑް ކޯޓެއްގެ އިތުރުން މުޅި އާއިލާއަށް އެކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ އެތައް ކަމެއް މި ހަވީރުގައި ހިމެނޭނެއެވެ.

"3ޖެން ވޯކް" ގެ މައިގަނޑު މަގުސަދަކީ އާއިލާގެ ތެރޭގައި އެކި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކޮށް، ދިރިއުޅުމުގެ ކުރިމަގަށް ވިސްނައި ރިޓަޔާމަންޓަށް ތައްޔާރުވުމާއި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުން ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.