ހދ. ވައިކަރަދޫ "ޖާޑިކަޕް" 14 އަހަރުގެ މެދުކެނޑުމަކަށްފަހު، ފުޓްސަލް މުބާރާތެއްގެ ގޮތުގައި އަލުން ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖާޑިކަޕަކީ، 2000 ވަނަ އަހަރުން ފެށިގެން، ގިނަ އަހަރުތަކެއް ވަންދެން ވައިކަރަދޫގައި ކުރިއަށްދިޔަ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.

Ad
rt

އެންމެ ފަހުން ޖާޑިކަޕް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ 2012ވަނަ އަހަރެވެ.

ވީއައިސީގެ ޗެއަރމަން އަޙްމަދު ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، ފުޓްސަލް މުބާރާތެއްގެ ގޮތުގައި، 16 އަހަރުން ދަށުގެ ކުދިންނަށް މި މުބާރާތް ޢަމާޒު ކުރުމުގެ މައިގަނޑު މަޤްޞަދަކީ، އެ ކުދިންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ވައިކަރަދޫގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުންކަމަށެވެ. އަދި ވީހާ ވެސް ގިނަ ކުދިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސްކޫލްގެ ބޮޑުޗުއްޓީއާ ދިމާކޮށް ކަމަށް ވެސް ވަޙީދު މައުލޫމާތު ދެއްވިއެވެ.

25 ޑިސެމްބަރ 2026ގައި ފެށުމަށް ހަމަޖެހިފައިވާ، މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ، މިއަދުން ފެށިގެން 15 ނޮވެމްބަރު 2026ގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، 7784541 ނުވަތަ 7744997 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް އެ ކުލަބުން އެދިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ވައިކަރަދޫ ޔޫތު ކްލަބަކީ އެ ރަށުގައި ކުޅިވަރުގެ ރޫޙު ދިރުވައި، ޒުވާނުންގެ ހުނަރު ކުރިއެރުވުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކްލަބެކެވެ.
އެ ގޮތުން، ކޮންމެ އަހަރަކު ވެސް ގޯލްޑަން ފުޓްސަލް ކަޕްގައި ވާދަކުރަމުން އަންނަ ފަދައިން، މި އަހަރުގެ މުބާރާތުގައި ވެސް ވައިކަރަދޫ ތަމްސީލުކުރުމަށް އެ ކްލަބުން މިހާރު ވަނީ ތައްޔާރުވެފައެވެ.