ޗައިނާގެ ޗޮންގްޗިންގް ލޮންގްޒިންގް ސްޓޭޑިއަމްގައި ހުކުރު ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި، އެ ގައުމުގެ އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗައިނާ ބަލިކޮށް ފަލަސްތީނުގެ ގައުމީ ޓީމުން ބޮޑު މޮޅެއް ހޯދައިފިއެވެ.
މި ކާމިޔާބީއާއެކު ފަލަސްތީނުން ވަނީ ޗައިނާގައި ކުރިއަށްގެންދިޔަ "ފިދާއީ" ތަމްރީނު ކޭމްޕް ނިންމާލައި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ކުރިއަށް އޮތް ބޮޑެތި މުބާރާތްތަކަށް ވަރުގަދައަށް ތައްޔާރުވެފައިވާކަން ސާބިތުކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފަލަސްތީނުން ވަނީ މޮޅު ކުޅުމެއް ދައްކައި، ކުރީކޮޅުގައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އޮދޭ ދައްބާޣް ތަނަވަސްކޮށްދިން ފުރުސަތަކުން، އޭރިއާ ތެރޭގައި ހުރެ ކަނާތު ފައިން ފޮނުވާލި ހަމަލާއަކުން ފަލަސްތީނަށް ފުރަތަމަ ލަނޑު ޖަހައިދިނީ އުސައިދު އަލް-ހަމްލާވީއެވެ. މި ލަނޑު ބަލައިގަތީ ވީއޭއާރް ބެލުމަށްފަހުގައެވެ. އޭގެ ހަ މިނެޓު ފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ޒައިދު ގުންބާރުގެ ޕާހަކުން އަލް-ހަމްލާވީ ވަނީ ދެވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު ވެސް ރެފްރީ ކަށަވަރުކުރީ ވީއޭއާރް މެދުވެރިކޮށެވެ.
ފަލަސްތީނުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކުރީ ދައްބާޣެވެ. އޮމީދު މަހާޖްނާ ދިން ޕާހަކުން އޭރިއާ ތެރޭގައި ހުރެ ވައަތު ފައިން ޖަހައި ދައްބާޣް ޖެހި މި ލަނޑާއެކު، ފުރަތަމަ ހާފު ނިމުނީ 3-0 އިން ފަލަސްތީން ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ފަލަސްތީނުން ދެއްކި ވަރުގަދަ އެޓޭކިން ކުޅުމަށް ހުރަސްއެޅުމުގައި ޗައިނާގެ ޑިފެންސް ވަނީ މުޅިން ނާކާމިޔާބުވެފައެވެ.
This Chinese fan caught everyone’s attention as he waved a Palestinian flag during the friendly between China and Palestine in Chongqing, where the Palestinians beat the hosts 5–0.
Some things are bigger than football. 🇵🇸 pic.twitter.com/bEOIzVVnZH
— Leyla Hamed (@leylahamed) October 3, 2026
މެޗުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި ޗައިނާއިން ދެވަނަ ހާފު ފެށީ އެއްފަހަރާ ފަސް ބަދަލު ގެނެސްގެންނެވެ. ނަމަވެސް، ފަލަސްތީނުގެ ފަރާތުން ފެނުނު ހަލުވި ކުޅުން ހުއްޓުވުމުގައި އެ ބަދަލުތަކުން އެދެވޭ އަސަރެއް ނުކުރިއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ދައްބާޣް ވަނީ އޭރިއާގެ ކަނާތްފަރާތުން ކަނާތު ފައިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ފަލަސްތީނުގެ ހަތަރުވަނަ ލަނޑު އަދި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޗައިނާއިން ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ލިބުނު ދެ ހިލޭޖެހުމެއްގައެވެ. އެގޮތުން 68 ވަނަ މިނެޓުގައި ވާންގް ޝަންގްޔުއާން އަދި 79 ވަނަ މިނެޓުގައި ލިއު ޔަންގް ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ކަނާތު ދަނޑިއަށެވެ.
ފަލަސްތީނުގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކުރީ އަހުމަދު އަލް-ގާގްއެވެ. އޭނާ ކުޅެން އެރީ 82 ވަނަ މިނެޓުގައި ދައްބާޣްގެ ބަދަލުގައެވެ. އަލް-ގާގް މި ލަނޑު ޖެހީ އޭރިއާގެ މެދުން ކަނާތު ފައިންނެވެ. މި މެޗުގައި ރީނދޫ ކާޑު ދައްކާފައިވަނީ 50 ވަނަ މިނެޓުގައި ފަލަސްތީނުގެ ޚާލިދު އަލް-ނަބްރީސް އަށާއި، 68 ވަނަ މިނެޓުގައި ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޗައިނާގެ ގާއޯ ޗުންޔޫއަށެވެ.
މި ތަމްރީނު ކޭމްޕުގައި ފަލަސްތީނުން ވަނީ މީގެ ކުރިން ތަޖިކިސްތާން އަތުން 4-2 އިން ވެސް މޮޅުވެފައެވެ. އެ މެޗުގައި ވެސް އަލް-ހަމްލާވީ ވަނީ ދެ ލަނޑު ޖަހައިފައެވެ. ކުރިއަށް އޮތް ބޮޑު މުބާރާތަށް 98 ދުވަސް އޮއްވައި ފަލަސްތީނުން މި ހޯދި މޮޅުގެ އިތުރުން، މި މެޗު ކުރިއަށްދިޔަ ވަގުތު ދަނޑުގައި އިން ޗައިނާގެ ސަޕޯޓަރަކު ފަލަސްތީނުގެ ދިދަ ވިހުރުވި މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ. މިއީ ވާދަވެރި ކުޅިވަރުގެ އިންތަކުން ބޭރުން ބައިނަލްއަގުވާމީ އެއްބައިވަންތަކަމާއި އިހުތިރާމް ދައްކުވައިދިން މަންޒަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!