ހދ. މަކުނުދޫގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ "ހީރާ 2026" މަދަހަ މުބާރާތުގެ ބައިވެރިންނަށް ޚާއްސަކޮށްގެން، މަދަހަ ކިޔުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ވޮއިސް ޓްރެއިނިން ސެޝަންތަކެއް ބާއްވަން ފަށައިފިއެވެ.
މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ސެޝަންތަކަކީ ޖުމްލަ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ސެޝަންތަކެކެވެ. މި ތަމްރީނުތަކުގައި 87 ބައިވެރިން ބައިވެރިވަމުންދާ ކަމަށް އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މައުލޫމާތުދެއެވެ.
އެ ކޮމިޓީގެ ރައީސާ ޝަހުމާ އާދަމް ''ތިލަދުން'' އަށް ވިދާޅުވީ، މަދަހަ މުބާރާތް ފެށުމުގެ ކުރިން މިފަދަ ތަމްރީނު ސެޝަންތަކެއް ކުރިޔަށް ގެންދިޔުމަކީ، މުބާރާތުގައި ވާދަކުރާ ބައިވެރިންގެ ފަރާތުން ލިބުނު ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންނާ އެކު ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން އައި ޚިޔާލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މި ދައުރު ފެށުމާއެކު ކަނބަލުންނަށް ޚާއްސަކޮށްގެން އަޅުގަނޑުމެން ވާނީ 'ކޮފީ ވިތު ޑަބްލިޔުޑީސީ'ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައި. މަދަހަ މުބާރާތް ބޭއްވުމުގެ ކުރިން، މި ފަދަ ޓްރެއިނިންތަކެއް ބޭއްވުމަކީ އެ ބައްދަލުވުމުގައި ލިބުނު ޚިޔާލެއް،" ޝަހުމާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ތަމްރީނު ސެޝަންތަކާމެދު ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ޝައުޤުވެރިކަމެއް ފެންނަމުންދާ ކަމަށާއި، މި ސެޝަންތަކުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް ދަސްވެ، ލިބިގެންދާ ކަމަށް ވެސް ރައީސާ ޝަހުމާ ވަނީ ވިދާޅުވެފައެވެ.
މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ބުނި ގޮތުގައި، މި މަހުގެ 6 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ހީރާ 2026" މަދަހަ މުބާރާތުގައި ޖުމްލަ 87 ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި މި މުބާރާތުގައި ވަކިވަކި 52 މަދަހައަކާއި 13 ގުރޫޕް މަދަހަ ހިމެނޭ ކަމަށް ވެސް އެ ކޮމިޓީން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!