އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ފާޑުކިޔުންތަކާ ކުރިމަތިލައްވައި، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓަށް ފުރަތަމަ ފަހަރަށް މުސްލިމް ބޭފުޅަކު އިންތިޚާބުވެވަޑައިގެން ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.

މި ތާރީޚީ ކާމިޔާބީ ހޯއްދެވީ މިޝިގަން ސްޓޭޓުން ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޢަބްދުލް އެލް-ސައްޔިދު އެވެ.

Ad
rt

އެމެރިކާގެ މީޑިއާތަކުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، ވާދަވެރި މި އިންތިޚާބު އެލް-ސައްޔިދު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރެއްވި ކުރީގެ މެންބަރު މައިކް ރޮޖާސްއާ ވާދަކުރައްވައެވެ. މި ކާމިޔާބީއާ އެކު، ސިޔާސީ ދާއިރާއިން ރިޓަޔާ ކުރައްވާ ސެނެޓަރު ގެރީ ޕީޓާސްގެ ހުސްވި ގޮނޑި ދިފާއުކޮށް، ޑިމޮކްރެޓުން ވަނީ ސެނެޓުގައި އެ ޕާޓީއަށް މުހިންމު ގޮނޑިއެއް ކަށަވަރުކޮށްފައެވެ.

ސިއްހީ ދާއިރާގެ ޑޮކްޓަރެއް އަދި ކުރީގެ ޕަބްލިކް ހެލްތު އޮފިޝަލެއް ކަމަށްވާ އެލް-ސައްޔިދު މި އިންތިޚާބަށް ނުކުމެވަޑައިގަތީ ވާދަވެރި ޑިމޮކްރެޓިކް ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހުގައެވެ. މި އިންތިޚާބުގެ ކެމްޕޭނުގައި އޭނާގެ އިސްލާމީ އަގީދާއަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދީފައިވެއެވެ. އެގޮތުން، ރައީސް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީގެ ބޭފުޅުން އޭނާގެ ދީނީ ފަސްމަންޒަރާ ގުޅުވައި ތަކުރާރުކޮށް ފާޑުކިޔަމުން ދިޔަ ނަމަވެސް، ހައްދުފަހަނައެޅުމާ އޭނާއާ އެއްވެސް ގުޅުމެއް ވާކަމަށް ކުރި ތުހުމަތުތައް އެލް-ސައްޔިދު ވަނީ ދޮގުކުރައްވައިފައެވެ. މިޝިގަންއަކީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުޑަ ތަފާތަކުން ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓެކެވެ.

އަންނަ ޖެނުއަރީ މަހު އާ ކޮންގްރެސް އެކުލަވައިލުމުން، އެލް-ސައްޔިދު ވެވަޑައިގަންނަވާނީ އެމެރިކާގެ ސެނެޓުގައި ޚިދުމަތް ކުރައްވާ ފުރަތަމަ މުސްލިމް މެންބަރަށެވެ. އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން، މިޝިގަންގެ ރައްޔިތުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ކެމްޕޭނުގައި ރައްޔިތުން ދެއްކި ފަދަ ހިތްހެޔޮކަމާއި، ހުޅުވާލެވިފައިވާ ވިސްނުމާއި ސާބިތުކަމާއެކު ސެނެޓުގައި ޚިދުމަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މި ނަތީޖާއަކީ ސިޔާސީ ވާދަވެރިން ބަލިކޮށް، ބޮޑު މަގުސަދަކަށް މަސައްކަތްކުރި އެންމެންނަށް ލިބުނު ގުޅިފައިވާ ކާމިޔާބީއެއްގެ ގޮތުގައި އެލް-ސައްޔިދު ސިފަކުރެއްވިއެވެ. "ނުބައި މީހުން ބަލިވެއްޖެކަން މާދަމާ އެމީހުންނަށް އަންގައިދީ. އަހަރެމެން އެންމެން އެކުގައި މާ ބޮޑު ކަމަކަށް ކުރި މަސައްކަތް ކާމިޔާބުވެއްޖެކަން އަންގައިދީ. އަހަރެމެން ކާމިޔާބުކޮށްފިން! އެހެންވީމާ މައިކް، ރިޓަޔާމަންޓް އުފާވެރިކޮށް ހޭދަކުރައްވާ،" ވާދަވެރިޔާ މައިކް ރޮޖާސްއަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އާ ސެނެޓަރުން ހުވާކުރެއްވުމުގެ ގާނޫނީ ޒިންމާ އަދާކުރައްވަން ޖެހިވަޑައިގަންނަވާ އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއަށް ވެސް އެލް-ސައްޔިދު ވަނީ ބަހުގެ ހަމަލާއެއް އަމާޒުކުރައްވައިފައެވެ. އެގޮތުން، ޖެނުއަރީ މަހު އޭނާ ލައްވައި ހުވާކުރުވުން ގާނޫނުއަސާސީން ވެންސްގެ މައްޗަށް ލާޒިމުވުމަކީ މަޖާ އިއްތިފާގެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެމްޕޭން ރެލީތަކުގައި އޭނާގެ ނަން ކިޔަން އުނދަގޫވެގެން އުޅުއްވި ރައީސް ޓްރަމްޕަށް އިޝާރާތް ކުރައްވައި އެލް-ސައްޔިދު ވިދާޅުވީ، "ޑޮނަލްޑް އަޑުއަހާ، އަހަރެންގެ ނަން ކިޔަން އުނދަގޫވިކަން އެނގޭ. އެހެންވީމާ ޖެނުއަރީގައި ޖޭޑީ އަހަރެން ލައްވައި ހުވާކުރުވީމާ، ދެން އަހަންނަށް 'ސެނެޓަރު' އޭ ކިޔައިގެން ކުރިއަށްދާންވީ،" ކަމަށެވެ.