އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓުގެ 12 ވަނަ ދާއިރާގެ ގޮނޑި އަބީރް ޤަވާސް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައިފިއެވެ.
ވޯޓު ގުނުމުގެ 90 އިންސައްތަ ނިމި، ނިއުޔޯކް ޓައިމްސްއިން ނަތީޖާ އިއުލާނުކުރި އިރު، އަބީރް ވަނީ ވޯޓުގެ 75 އިންސައްތަ ހޯއްދަވާފައެވެ. މި ކާމިޔާބީއާއެކު އޭނާ ވެގެން ގޮސްފައިވަނީ ނިއުޔޯކް ސްޓޭޓްގެ ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުވި ބުރުގާ އަޅާ ފުރަތަމަ ފަލަސްތީން-އެމެރިކާ ދަރިކޮޅުގެ މެންބަރަށެވެ.
މި ތާރީޚީ ކާމިޔާބީއާއެކު އަބީރް ވެފައިވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގެ ފެންވަރުގައި އިންތިޚާބުވި މަދު ފަލަސްތީނު ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން އެކަކަށެވެ. އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ކުރު ޕޯސްޓެއްގައި އޭނާ ވިދާޅުވީ، "އަހަރެމެން ތާރީޚު ބަދަލުކޮށްފިން" ކަމަށެވެ. އަބީރްގެ މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފަލަސްތީނަށް ތާއީދުކުރާ މުޖުތަމައުގެ ދައުރު ފުޅާވަމުން އަންނަކަން ހާމަކޮށްދޭ ކަމެކެވެ.
އަބީރް ކެމްޕޭން ކުރެއްވީ "ކަރާމާތަށް ފަންޑުކުރުން، ހަލާކާ ދެކޮޅަށް މަސައްކަތްކުރުން" މި ޝިއާރުގެ ދަށުންނެވެ. މި ޝިއާރުގެ ތެރެއިން އޭނާ ވަކާލާތު ކުރެއްވީ އެންމެންނަށް ފޯރުކޮށްދެވޭ ސިއްހީ ޚިދުމަތާއި، އަވަސް އަދި އިތުބާރު ހުރި އާންމު ދަތުރުފަތުރާއި، އަގުހެޔޮ ބޯހިޔާވަހިކަމަށެވެ. އަދި މޫސުމީ ބަދަލުތައް ހުއްޓުވުމަށާއި، ހިޖުރަކުރާ މީހުން ހިމާޔަތްކުރުމުގެ އިތުރުން ހަނގުރާމައަށް ފައިސާ ނުދިނުމުގެ ސިޔާސަތަށެވެ. 'ޑިމޮކްރެޓިކް ސޯޝަލިސްޓްސް އޮފް އެމެރިކާ' (ޑީއެސްއޭ) ގެ މެންބަރެއް ކަމަށްވާ އަބީރްއަށް ސެނެޓަރ ބާނީ ސޭންޑާސްއާއި، ކޮންގްރެސް މެންބަރު ރަޝީދާ ތުލައިބުގެ އިތުރުން ވޭތުވެދިޔަ އަހަރު ނިއުޔޯކްގެ މޭޔަރުކަން ކާމިޔާބުކުރެއްވި ޒޮހްރާން މަމްދާނީ ފަދަ ޕްރޮގްރެސިވް ޑިމޮކްރެޓުން ތާއީދުކުރެއްވިއެވެ.
ސިޔާސީ ދާއިރާއަށް ނުކުތުމުގެ ކުރިން އަބީރް ވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި، ހިޖުރަވެރިންގެ މުޖުތަމައުތަކާއި، ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއްގެ ގޮތުގައި 15 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ. އެގޮތުން 2023 ވަނަ އަހަރު، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރާ ހޭދަތައް ހުއްޓުވުމަށް އެކުލަވާލި ކޯލިޝަނެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ކޯލިޝަނަށް ފާހަގަކުރެވުނު ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަންނަ ޔަހޫދީ ވަޒަންވެރިންނަށް އެހީވުމަށް އެމެރިކާގެ ބައެއް ޗެރިޓީ ޖަމިއްޔާތަކުން ދިޔައީ އެތައް މިލިއަން ޑޮލަރެއް އެއްކުރަމުންނެވެ. އެހެންކަމުން އަބީރް ވަނީ "ނޮޓް އޮން އަވަރ ޑައިމް" (Not On Our Dime) ކެމްޕޭން ފެށުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ނިއުޔޯކްގެ އެންޖީއޯތަކުން އިސްރާއީލުގެ ޣައިރުޤާނޫނީ އަމަލުތަކަށް ފަންޑުކުރުން ހުއްޓުވުމަށް އޭރުގެ އެސެމްބްލީ މެންބަރު ޒޮހްރާން މަމްދާނީ އަދި ސެނެޓަރ ޖަބާރީ ބްރިސްޕޯޓާ ގުޅިގެން 2023 ގެ މެއި މަހު ބިލެއް ހުށަހެޅުއްވި ނަމަވެސް، ޤާނޫނުހަދާ މަޖިލީހުގެ ދެކޮޅުވެރިކަމާ ހެދި އެ ބިލު ފާހެއް ނުވިއެވެ. އެކަމާ ގުޅޭގޮތުން މިޑްލް އީސްޓް އައި (އެމްއީއީ) އަށް އަބީރް ވިދާޅުވެފައިވަނީ، މީހުންނަށް އެހީވާން ޗެރިޓީގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ފައިސާ އެއްކޮށް، އެ ފައިސާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ނިއުޔޯކްގެ ޤާނޫނުން ދީގެން ނުވާނެ ކަމަށެވެ. އަދި އޭނާ ސިޔާސީ މީހުންނާމެދު ޝައްކުގެ ނަޒަރަކުން ދެކެމުން އައި ނަމަވެސް، ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ ނިއުޔޯކް ސްޓޭޓްގައި މީގެ ކުރިން ދުވަހަކުވެސް ކޮށްފައިނުވާ ވަރުގެ ކަމެއް ކަމަށް ވިދާޅުވިއެވެ.We made history. 🇵🇸 https://t.co/r9dnacASP5
— Aber Kawas (@AberKawas) November 4, 2026
ބްރޫކްލިންއަށް އުފަން އަބީރަކީ 1990 ގެ އަހަރުތަކުގައި އެމެރިކާއަށް ހިޖުރަކުރި ފަލަސްތީނުގެ ދެމަފިރިއެއްގެ ދަރިއެކެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު މުސްލިމުންނާ މެދު އުފެދުނު ބިރުވެރިކަމުގެ ތެރޭގައި، އޭނާ ހަތަރު ވަނަ ގްރޭޑުގައި ކިޔަވަމުން ދިޔައިރު އޮތް ރައްކާތެރިކަމުގެ އިހުސާސް ގެއްލިގެން ދިޔައެވެ. އަދި ހައިސްކޫލް ދައުރުގައި އޭނާގެ ބައްޕަ ވަނީ އުރުދުންއަށް ޑީޕޯޓްކޮށްލާފައެވެ. މި ހިތްދަތި ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން އަބީރް ވިދާޅުވީ، އާއިލާއިން މީހަކު ވަކިވެގެން ދިއުމަކީ މުޅި ދިރިއުޅުމުގެ އިގުތިސާދީ އަދި ނަފްސާނީ ހާލަތު އެކީ ބަދަލުކޮށްލާ ކަމެއް ކަމަށާއި، މަންމައަށް އެހީވުމަށް އޭނާގެ ހުރިހާ އެއްބަނޑުއެއްބަފާ ކުދިން ޅަފަތުގައި މަސައްކަތްކުރަން ޖެހުނު ކަމަށެވެ. އެހެންކަމުން، އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ) އާ ގުޅިގެން ނިއުޔޯކްގެ އިދާރާތަކުން މަސައްކަތްކުރުން ހުއްޓުވުމަށް "ނިއުޔޯކް ފޯ އޯލް އެކްޓް" ފާސްކުރުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފައެވެ.
ފަލަސްތީނުގެ މައްސަލައިގައި ވާހަކަދެއްކުމަކީ ސިޔާސީ އަމިއްލަ މަރުގެ އަމަލެއްގެ ގޮތުގައި މީހުން ދެކުނު ދުވަސްވަރެއް އޮތް ނަމަވެސް، އަބީރް ވަނީ ކެމްޕޭނުގައި އޭނާގެ ފަލަސްތީނު ވަނަވަރާއި ވަކާލާތު ވަރުގަދަކުރައްވާފައެވެ. އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގަތުމާ ދެކޮޅަށް ކުރި އިހުތިޖާޖުތަކުގެ ތެރެއިން މިއަހަރުގެ ކުރީކޮޅު އަބީރް ހައްޔަރުވެސް ކުރެވުނެވެ. އެކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އިންތިޚާބީ އެހެން އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކާއެކު މިފަދަ މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުގައި ބައިވެރިވެވުމަކީ ނުހަނު މާނަފުން ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!