ޣައްޒާގައި ފަލަސްތީނުގެ އާންމުން ޝަހީދުކުރަމުންދާ ގޮތް ހާމަކޮށްދޭ ޑޮކިއުމެންޓްރީ ފިލްމު "ނާޒާ" އިޓަލީގެ ސިނަމާތަކުގައި ދައްކަން ފެށި ފުރަތަމަ ދެ ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދައިފިއެވެ.
އިޓަލީގެ ބޮކްސް އޮފީހުގެ ހިސާބުތައް ބަލަހައްޓާ ސިނެޓެލްއިން ބުދަ ދުވަހު ބުނީ، އަންގާރަ ދުވަހުގެ ނިޔަލަށް މި ފިލްމުގެ ޓިކެޓު ވިކިގެން ގާތްގަނޑަކަށް 1.1 މިލިއަން ޔޫރޯ (1.24 މިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށެވެ.
ސިނެޓެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ހޯމަ ދުވަހު މި ފިލްމު ބޮކްސް އޮފީހުގެ އެއްވަނަ ހޯދީ 60،467 މީހުން ސިނަމާތަކަށް ވަދެ، 451،872 ޔޫރޯގެ އާމްދަނީއެއް ހޯދައިގެންނެވެ. މިއީ އެ ދުވަހު ދެއްކި މަގުބޫލު ފިލްމު "އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒްކޮށްގެން ލިބުނު 179،612 ޔޫރޯއަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. އަދި އަންގާރަ ދުވަހު ވެސް އެއްވަނައިގައި ދެމިއޮވެ، އިތުރު 83،000 އަށް ވުރެ ގިނަ ބެލުންތެރިންނާ އެކު 623،164 ޔޫރޯގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. އެއާއެކު މިހާތަނަށް ޖުމްލަ 146،720 މީހުން މި ފިލްމު ބަލާފައިވާއިރު، ޖުމްލަ އާމްދަނީ ވަނީ 1،096،816 ޔޫރޯއަށް އަރާފައެވެ.
މި ޑޮކިއުމެންޓްރީ އިޓަލީގައި އެންމެ ފުރަތަމަ އަޅުވާފައިވަނީ ސެޕްޓެމްބަރު 28 އިން 30 އަށް ކުރިއަށްގެންދިޔަ ތިން ދުވަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައެވެ. އިޓަލީގެ އެކި ސަރަހައްދުތަކުގައި ހުރި 515 ސިނަމާއެއްގައި މި ފިލްމު ދެއްކިއިރު، އޭގެ ތެރެއިން ގިނަ ސިނަމާތަކުގެ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ. އަދި ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާ ގުޅިގެން، ކަނޑައެޅި މުއްދަތަށް ވުރެ އިތުރަށް މިހާރު ވެސް ދަނީ ސިނަމާތަކުގައި ފިލްމު ދައްކަމުންނެވެ.
"ނާޒާ" އަކީ އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ އިސްރާއީލުގެ ދެ ޑައިރެކްޓަރުން ކަމަށްވާ ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯރ ޑައިރެކްޓްކޮށް ނެރެފައިވާ ފިލްމެކެވެ. ތެލް އަވީވްގެ އިމާރާތްތަކުގެ ފުރާޅުތަކުގެ މަތީގައި ސިއްރިއްޔާތުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ޝޫޓްކުރި މި ޑޮކިއުމެންޓްރީގައި، އިސްރާއީލުގެ އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާތަކުގައި މަސައްކަތްކުރާ 24 މީހެއްގެ ބަޔާންތައް ހިމަނާފައިވެއެވެ. މި މީހުންގެ ރައްކާތެރިކަމަށްޓަކައި އެމީހުންގެ ވަނަވަރާއި، އަޑު އަދި ސޫރަ ވަނީ ޑިޖިޓަލްކޮށް ބަދަލުކޮށްފައެވެ.
މި ޑޮކިއުމެންޓްރީގައި ވާހަކަދެއްކި އިސްރާއީލު ސިފައިން ވަނީ، އާންމުން މަރުވާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި ވެސް ޓާގެޓްތައް ދެނެގަނެ، ހަމަލާދިނުމަށް ބޭނުންކުރާ ނިޒާމުތަކުގެ ވާހަކަ ކިޔައިދީފައެވެ. އޭގެ އިތުރުން ރައްކާތެރިކަން ހޯދަން އާންމުން ތިބި ތަންތަނުގައި ހުޅުޖެހުމާއި، ކާބޯތަކެތި ބަހަމުން ދިޔަ ވަގުތު ޣައްޒާގެ ރައްޔިތުން މަރަމުން ދިޔަ މަންޒަރު ފެނުނު ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފައެވެ. މި ފިލްމަށް "ނާޒާ" ގެ ނަން ދީފައިވަނީ، ވައިގެ ހަމަލާތަކުގައި މަރުވާނެ ކަމަށް ލަފާކުރެވޭ އާންމުންގެ އަދަދު ބަޔާންކުރުމަށް އިސްރާއީލުގެ އަސްކަރީ ޖާސޫސީ އިދާރާ "އަމާން" އިން ބޭނުންކުރާ ކުރު ނަމަކަށް ނިސްބަތްކޮށެވެ.
ވެނިސް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި މި ޑޮކިއުމެންޓްރީ އެންމެ ފުރަތަމަ ޕްރީމިއާ ކުރި ވަގުތު، ހާޒިރުވެ ތިބި މީހުން ވަނީ ކޮޅަށް ތެދުވެ ގާތްގަނޑަކަށް 25 މިނެޓު ވަންދެން އަތްޖަހައި ފިލްމަށް ތަރުހީބު ދީފައެވެ. އަދި އެ ފެސްޓިވަލުގެ ސްޕެޝަލް ޖޫރީ ޕްރައިޒް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ. ނަމަވެސް، މި ފިލްމާ ގުޅިގެން އިސްރާއީލުގެ އޮފިޝަލުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން، މި ފިލްމު ދެއްކުމާ ގުޅިގެން އިސްރާއީލު ސިފައިން "ބަދުނާމުކުރާ" މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގާނޫނެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި މަހުގެ ކުރީކޮޅު ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!