އީރާނާ ދެކޮޅަށް އެއްގަމު މަގުން ސިފައިން ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައްޔާރުވަމުންދާ ކަމުގެ އިޝާރާތްތަކެއް ފެންނަން ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިގޮތުން އެމެރިކާ އަސްކަރިއްޔާގެ ވަރުގަދަ ފައުޖެއް މެދުއިރުމައްޗާ ދިމާލަށް ދަތުރުފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޚަބަރު ފަތުރާ މަޝްހޫރު ވަސީލަތެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ 'މެކިން އައިލެންޑް އެމްފިބިއަސް ރެޑީ ގްރޫޕް' އަދި '13 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް' މިހާރު ވަނީ ސެން ޑިއޭގޯ ނޭވަލް ބޭސް ދޫކޮށް މެދުއިރުމައްޗަށް ދިއުމަށް ދަތުރު ފަށާފައެވެ.
މި އެމްފިބިއަސް ރެޑީ ގްރޫޕުގައި ހިމެނެނީ އެއްގަމާއި ކަނޑުމަގުން އުދުވާނީ ހަމަލާތައް ދިނުމަށް ހާއްސަ މަނަވަރެއް ކަމަށްވާ 'ޔޫއެސްއެސް މެކިން އައިލެންޑް' ގެ އިތުރުން، އެމްފިބިއަސް ޓްރާންސްޕޯޓް ޑޮކް މަނަވަރުތައް ކަމުގައިވާ 'ޔޫއެސްއެސް އެންކަރޭޖް' އަދި 'ޔޫއެސްއެސް ޖޯން ޕީ. މުރްތާ' އެވެ.
މި ބޮޑު އަސްކަރީ ފައުޖުގައި އެމެރިކާގެ 2،200 އެއްހާ މެރިން ސިފައިންނާއި، އެފް-35ބީ ލައިޓްނިންގ 2 މަރުކާގެ ގާތްގަނޑަކަށް 12 ހަނގުރާމަމަތީ ޖެޓް ހިމެނެއެވެ. މީގެ އިތުރުން، އެއްގަމު ސިފައިންގެ ހަނގުރާމަމަތީ އުޅަނދުތަކާއި ސިފައިން އުފުލާ އުޅަނދުތައް (އާމަޑް ޕާސަނަލް ކެރިއަރުތައް) ވެސް މި އުޅަނދުފަހަރުގައި ގެންދެއެވެ.
މިއީ ކަނޑުމަގުން އެއްގަމަށް އަރައިގަތުމުގެ ގާބިލުކަން ލިބިފައިވާ ނޭވަލް ލޭންޑިންގ ފައުޖެކެވެ. އަދި އީރާނުގެ އައްސޭރިފަށުގެ ސަރަހައްދަކަށް އަރައި، އެ ސަރަހައްދު ކޮންޓްރޯލްކޮށްގެން އެއްގަމަށް ސިފައިން ފޭބުމަށް މަގުފަހިކުރާނެ މަރުކަޒެއް ނުވަތަ 'ބީޗްހެޑެއް' ގާއިމުކުރުމަށް ބޭނުންވާ ވަރަށް މެރިން ސިފައިންނާއި، އަސްކަރީ ޓްރާންސްޕޯޓް ހެލިކޮޕްޓަރާއި، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތައް މި ފައުޖުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ފަދަ ނުރައްކާތެރި ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އަދި މި ފިޔަވަޅަކީ އީރާނުގެ ބިމަށް ކަނޑުމަގުން އެއްގަމު ސިފައިން ފޮނުވައި، އެއްގަމު ހަނގުރާމައެއް ފެށުމަށް ޓްރަމްޕް ބޭނުންފުޅުވެދާނެ ކަމަށް ވަރަށް ބޮޑަށް އިޝާރާތްކުރާ ކަމެއް ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!