ބޮޑުތިލަދުންމަތީ ބޮޑުބާޒާރަށް ދިއުމަށް ހއ. އުތީމު ކައުންސިލުން ހިލޭ ދަތުރެއް ހަމަޖައްސައިފިއެވެ.
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ "ބޮޑުތިލަދުންމަތީ ބޮޑުބާޒާރު" އަށް ދާން ބޭނުންވާ އުތީމު ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން އުތީމު ކައުންސިލުން ކުޅުދުއްފުށްޓަށް ޚާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ.
އުތީމު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުގައި ބައިވެރިވެވޭނީ ފުރަން ނިކުންނަ ފުރަތަމަ 100 މީހުންނަށެވެ.
މި ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 04 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުއެވެ.
އުތީމުން ފުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރުފަހު 15:00އެވެ. އަދި ބާޒާރު ނިންމާލުމަށްފަހު، ކުޅުދުއްފުށިން އެނބުރި އުތީމަށް ފުރުމަށް ހަމަޖެހިފައިވަނީ އެރޭގެ 21:30 ގައެވެ.
މި ދަތުރަކީ ކުޅުދުއްފުށީގައި ބާއްވާ ބޮޑުބާޒާރުން ވިޔަފާރިކުރުމާއި، އެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު އުތީމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހޯދައިދިނުމުގެ ބޭނުމުގައި، އެ ރަށު ކައުންސިލުން އިސްނަގައިގެން ހަމަޖެއްސި ދަތުރެއްކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!