ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.

މިއީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ހއ.ދިއްދޫ ކައުންސިލް ގުޅިގެން ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި އޮގަސްޓް 6 އިން 8 އަށް ހިންގި ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ)އެވެ.

މި ރަސްމިއްޔާތުގައި މެންބަރު ލަތީފް ދެއްކެވި ވާހަކާގައި ދިއްދޫއަކީ ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަށް ވުމާއެކު، ހއ. އަތޮޅު ހޮސްޕިޓަލު ވެސް ހުންނަނީ ދިއްދޫގައިކަމަށް ވާތީ، ޖަމާޢަތްތެރިން ތަމްރީންކުރުމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ދިއްދޫގައި މި ޕްރޮގްރާމް ހިންގެވި ކަމީ އެ މަރުކަޒުން ކޮށްދެއްވި ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން އުއްމީދަކީ ކައިރި ކުރިމަގެއްގައި ދިއްދޫ އިސްލާމީ މަރުކަޒުގައި ތަފާތު ގިނަ ކޯސްތައް ހިންގައި، ދީނީގޮތުން ހޭލުންތެރި، ޢިލްމީގޮތުން ކުރިއަރާފައިވާ މުޖްތަމަޢެއް ބިނާކުރެވިގެން ދިއުންކަން ފާހަގަކުރައްވައި، އެ ރޮނގުން ހިންގިދާނެ ކޯސްތަކުގެ މައްޗަށް އަލި އަޅުވައިލައްވާފައިވެއެވެ.

ޖުމުލަ 27 ބައިވެރިއަކު ސެޓްފިކެޓް ޙާޞިލްކުރެއްވި މިރަސްމިއްޔާތުގައި، ޝަރފްވެރި މެހްމާނުގެ އިތުރުން ސެޓްފިކެޓް ބައްސަވައިދެއްވީ ދިއްދޫ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދުއާއި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޒާހިރުއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާޝިޔާ ޢަބްދުލްޢަޒީޒެވެ.

ދިއްދޫ އިސްލާމީ މަރުކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އެންޑް އެންޑަވްމަންޓްސްގެ ނައިބު ޢަބްދުﷲ ނަޢީމްއާއި ހއ.ދިއްދޫ ކައުންސިލްގެ ރައީސް ޢުޘްމާން ރަޝީދުގެ އިތުރުން، ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންގެ ފާރަތުން އިމާމް ނަޞްރުﷲ ޙަސަން ވެސް ވާހަކަ ދެއްކެވިއެވެ.