ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ހުއްޓުމެއްނެތި ތިން ދުވަސް ވަންދެން ބޯކޮށް ވާރޭވެހި، ސިޓީގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ބެންކޮކްގެ އެންމެހައި 50 ޑިސްޓްރިކްޓްގައި ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ.

ކަމާބެހޭ އިދާރާތަކަށް އިސްނަގައިގެން ކުއްލި ފިޔަވަޅުތައް އެޅުމުގެ ބާރުލިބޭ މި ހާލަތު އިއުލާންކުރެއްވީ، ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން ސިޓީއަށް 300 މިލިމީޓަރު (11.8 އިންޗި) ގެ ވާރޭވެހިފައިވާކަން ހާމަކުރައްވަމުން ބެންކޮކްގެ ގަވަރަނަރު ޗާޑްޗާޓް ސިއްތިޕަންޓް، ހޮނިހިރު ދުވަހުއެވެ.

Ad
rt

ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓުމެއްނެތި ވެހުނު ބޯވާރޭގެ ސަބަބުން ބެންކޮކްގެ ބޮޑެތި މަގުތަކާއި ކެނާލްތައް ފުރިގެން ބޭރުވެ، މަގުމައްޗާއި ގާތުގައިވާ ގިނަ އަދަދެއްގެ ގޭގެއަށާއި ފިހާރަތަކަށް ވަނީ ފެންވަދެފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ކުރިއަށް ނުދުއްވޭވަރަށް ފެންގަނޑު ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކާރުތައް ވަނީ މަގުމައްޗަށް ދޫކޮށްލާފައެވެ. މި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސިޓީގެ އިރުމަތީ ސަރަހައްދަށް ކަމަށް ގަވަރަނަރު ވިދާޅުވިއެވެ.

ބެންކޮކްގައި ފެން ބޮޑުވެފައި

ގަވަރަނަރު ޗާޑްޗާޓް ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ، ސިޓީގެ ކެނާލްތައް އެއްކޮށް ފުރިފައިވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކެނާލްތަކުގެ ކައިރީގައި ދިރިއުޅޭ ފަރާތްތަކަށް ނުރައްކާ ބޮޑުކަން ފާހަގަކުރައްވައި، ސިޓީގެ އިދާރާތަކުން ފެން ހިންދުމަށް ކުރެވެންހުރި އެންމެ ބޮޑަކަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުން ތައިލެންޑް ސަރުކާރުން ބުނެފައިވަނީ ފެންބޮޑުވުމުގެ ހާލަތު މިހާރު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށާއި، އިތުރަށް ވާރޭ ނުވެހޭނަމަ ފެންގަނޑު އެއްކޮށް ހިންދާލުމަށް ދެ ދުވަސް ނުވަތަ ތިން ދުވަސް ނަގާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުންගේ އުޅަނދުފަހަރު އުސް ސަރަހައްދުތަކަށް ބަދަލުކުރުމަށް ގަވަރަނަރު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބެންކޮކްގެ އާންމު ދަތުރުފަތުރާ ބެހޭ އިދާރާއިން ވަނީ އޮކްޓޯބަރު 2 ވަނަ ދުވަހުގެ ނިޔަލަށް އެމްއާރުޓީ ޓްރެއިންގެ "ޕާކް އެންޑް ރައިޑް" ޕާކިންގްތަކުގައި ހިލޭ ކާރުތައް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

ބެންކޮކްގައި ހުރެގެން ރިޕޯޓުކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ވޯނީ ޗެންގް ބުނި ގޮތުގައި، މޫސުމީ ވިއްސާރައިގައި ބެންކޮކްގައި ފެންބޮޑުވުމަކީ އާންމު ކަމެއް ނަމަވެސް، މިފަހަރުގެ ވިއްސާރަ ތަފާތެވެ. އާންމުކޮށް މަދު ގަޑިއިރުކޮޅަކަށް ވެހޭ ބޯވާރޭގައި ވަކި ސަރަހައްދުތަކެއްގެ މަގުތަކުގައި ފެންބޮޑުވި ނަމަވެސް އަވަހަށް ފެން ހިންދިގެންދާ ކަމަށާއި، ނަމަވެސް ބުރާސްފަތި ދުވަހުގެ އިރުއޮއްސުނީއްސުރެ ހުއްޓުމެއްނެތި ވެހެމުންދާ މި ވާރޭގެ ސަބަބުން މުޅި ސިޓީގައި ފެންބޮޑުވެ، އާންމުން ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ބެންކޮކްގެ މެދުތެރޭގެ އުތުރުގައިވާ ކެނާލެއްގެ ކައިރީގައި ދިރިއުޅޭ އުމުރުން 67 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޮމްކިޑް ޕިއުކް-ނގާމް އޭއެފްޕީ ނޫސްއޭޖެންސީއަށް ބުނީ، ފެންބޮޑުވުމުގެ ސަބަބުން އޭނާގެ ފިހާރަ ބަންދުކުރާތާ ދެ ދުވަސް ވެއްޖެ ކަމަށެވެ. "އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވުމުން ތަނަކަށް ދެވޭކަށް ނެތް. މިއީ 2011 ވަނަ އަހަރުގެ ފެންބޮޑުވުމަށްވުރެވެސް ގޯސް ހާލަތެއް،" އޭނާ ބުނެފައިވެއެވެ. ތައިލެންޑަށް 2011 ވަނަ އަހަރު ކުރިމަތިވި ބޮޑު ފެންބޮޑުވުމުގެ ކާރިސާގައި 500 އަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނުން މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިސާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަނުން ވަނީ، އާދީއްތަ ދުވަހުގެ ނިޔަލަށް ތައިލެންޑުގެ އިރުމައްޗާއި، އުތުރުއިރުމައްޗާއި މެދުތެރޭގެ ސަރަހައްދުތަކަށް ކާރިސީ ލޯ ޕްރެޝަރުގެ އަސަރުކުރާނެ ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުތަކަށް ކުއްލި ފެންބޮޑުވުންތަކާއި، ފަރުބަދަތަކުން ފެންފައިބައިގެން ދިއުމާއި، ކޮންކްރީޓާއި ފަސްގަނޑު ކައްސައިގެން ދިއުމުގެ އިތުރުން ކައްކައި ބޭރުވުމުގެ ނުރައްކާ އޮތްކަމަށް އެ އިދާރާއިން ވަނީ އިންޒާރުކޮށްފައެވެ.