ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ސަރުކާރުން މިއަދު ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

Ad
rt

މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފައެވެ. އަދި އެ ގޮތަށް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ އެކު ގާއިމްކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް މިހާރު އަހަރަކު ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ވަންނައިރު، އޭގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ދާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ފާހަގަކުރާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއު ރާވާފައިވަނީ އެސްކްރޯ އެކައުންޓް މެދުވެރިކޮށް ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު ވަންނާނެ ގޮތަށް ކަމަށާއި، މީގެ ސަބަބުން ދިވެހިންނަށް ޑޮލަރު ލިބުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއުގެ މާލީ އަންދާޒާތަކަށް އަލިއަޅުއްވާލައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ފުރަތަމަ އަހަރު ތަންތަނުގެ ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. އަދި އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ވިސްނައިގަނެވޭ ވަރަށް ވުރެ ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ، އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ޕްރޮޖެކްޓެއް މިއީ،" ޒަރީރު ވިދާޅުވި އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވަނީ އީގަލް ހިލްސް އަދި އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރަކީ، ދިރިއުޅުމަށް ބޭނުންވާ މާޙައުލުތައް މާސްޓަރ ޕްލޭންކޮށްގެން އުފެއްދުމުގެ މޭސްތިރިއެއްކަމަށެވެ.

''ޑައުންޓައުން ދުބާއީ ބިނާކުރުމުން ފެށިގެން ބެލްގްރޭޑް ވޯޓަރފްރަންޓާއި ދުނިޔޭގެ ތިން ބައްރެއްގައި ތަރައްޤީކޮށްފައިވާ މަންޒިލްތަކަށް ބަލާއިރު، ސިޓީއެއްގެ ފެންވަރުގެ ބޮޑެތި މަންޒިލްތައް ބިންގަލުން ފެށިގެން ބިނާކުރުމުގައި ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގައި މިފަދަ ޤާބިލުކަމެއް ހުރި ނަންތައް ވަރަށް މަދު، މިއީ ރަސްމާލެއަށްޓަކައި އަޅުގަނޑުމެން ކަށަވަރުކުރި ފެންވަރު ރަނގަޅު ބައިވެރިވުން." މުއްތަލިބު ވިދާޅުވެފަވެއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓާއި، ޔޫއޭއީގެ އީގަލް ހިލްސް އިން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ވެގެންދާނީ ރާއްޖެއަށް ބައިނަލްއަޤްވާމީ މާލީ އިންވެސްޓްމަންޓްތައް ގެނައުމަށް އެޅޭ ވަރަށް މުހިންމު އައު ބިންގަލަކަށެވެ. އިޤްތިޞާދީ ގޮތުން ކުރާނެ އަސަރުތަކުގެ ފުރަތަމަ އަންދާޒާތަކުން ދައްކާ ގޮތުގައި، މި މަޝްރޫޢުގެ ޙަޔާތުގައި 20 ބިލިއަން ޔޫއެސް ޑޮލަރަށް ވުރެ ގިނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (ސީދާ ބޭރުގެ އިންވެސްޓްމަންޓް) ޝައުޤުވެރިކުރެވިދާނެއެވެ. މިގޮތަށް މެދުނުކެނޑި ބައިނަލްއަޤްވާމީ ރައުސްމާލު އެތެރެވުމަކީ މުޅި ދިވެހި އިޤްތިޞާދުގައި ދިގު މުއްދަތުގެ އަގުހުރި ކުރިއެރުމެއް އުފެދުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެއިތުރުން، މި ތަރައްޤީގެ ސަބަބުން އުފެދޭ ފުޅާ ޙަރަކާތްތަކަކީ ދައުލަތުގެ އާމްދަނީއަށް ބޮޑު އެހީތެރިކަމެއް ލިބި، މެހެމާންދާރީ، ޢިމާރާތްކުރުން، ވިޔަފާރި، މެރިން ސަރވިސަސް، ޓެކްނޮލޮޖީ އަދި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމަށް ބާރުއަޅާނެ ކަމެއް ކަމަށް ބެލެވޭކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.

މި މަޝްރޫޢުގެ ޙަޔާތުގައި، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެކަމަށް ބަޔާނުގައި ފާހަގަކޮށްފައިވާއިރު، މި ޙަރަކާތްތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ އައު ދޮރުތައް ހުޅުވި، ރާއްޖޭގެ ސަޕްލައި ޗޭންތައް ވަރުގަދަވެ، އަދި ރާއްޖޭގެ ވިޔަފާރިތަކަށާއި، ސަޕްލަޔަރުންނަށާއި، ފަންނީ ޚިދުމަތްތަކަށް އޮންނަ ޑިމާންޑް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަމަށް ބަޔާނުގައި ބުނެފަވެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި އުފެދޭ އިޤްތިޞާދީ މަންފާގެ ބޮޑު ބައެއް ރާއްޖޭގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެކަމަށް ވެސް ބުނެފަވެއެވެ.

ފަތުރުވެރިކަމާއި، މެހެމާންދާރީއާއި، ދިރިއުޅޭ މުޖުތަމަޢުތަކާއި އަދި ވިޔަފާރިތައް އެއްފުރާޅެއްގެ ދަށަށް ގެނައުމާއެކު، މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާގެ އަމާޒަކީ ބައިނަލްއަޤްވާމީ އިންވެސްޓްމަންޓްތަކަކީ ރާއްޖެއަށާއި ރައްޔިތުންނަށް ދެމެހެއްޓެނިވި އިޤްތިޞާދީ އަގުތަކަކަށް ހެދުންކަމަށާއި، އަދި ހަމައެއާއެކު، ދުނިޔޭގެ ފެންވަރުގައި ރާއްޖެއަށް ލިބިފައިވާ މަތިވެރި ޤަދަރާ އެކަށޭނަ، ފުރިހަމަ ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއް ޤާއިމުކުރުންކަމަށް ވެސް ގުޅިފައިވާ ބަޔާނުގައި ބުނެފަވެއެވެ،

"އެންމެ މުހިންމު ކަމަކީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ، ހަރުދަނާ އޮނިގަނޑެއްގެ މައްޗަށް އެކުލެވޭ ރިއަލް އެސްޓޭޓް ދާއިރާއެއް ޤާއިމުވެގެންދިއުން، މިއީ ފަތުރުވެރިކަމާ އެއްވަރަށް އަޅުގަނޑުމެންގެ އިޤްތިޞާދުގައި ތެދުވެގެންދާނެ އައު ތަނބެއް،" މިނިސްޓަރު މުއްތަލިބާއި ހަވާލާދީ ބަޔާނުގައި ބުނެފަވެއެވެ.