ހދ މަކުނުދޫ ކައުންސިލްގެ "މާމަކުނުދޫ ފުޓްސަލް ޗެލެންޖް 2026" ގެ ވާދަކުރި އަންހެން ޑިވިޜަންގެ 4 ޓީމަކުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮއްފިއެވެ.

އިހްވާން ޖޫނިއާސް އަދި ހޭޅި މުބާރާތުން ވަކިވެފައިވާއިރު، ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޒައިޒީ ޗެލެންޖާސް، ރޯނު ކަނބަލުން، އިހްވާން އެސްސީ އަދި ދަގަތަ އެފްސީއެވެ. މީގެ ތެރެއިން އަންހެން ޑިވިޜަނުގެ ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓާއެކު އޮތީ ޒައިޒީ ޗެލެންޖާސްއެވެ.

Ad
rt

އިއްޔެގެ މެޗުތަކުން އިހްވާން އެސްސީ އަތުން ޒައިޒީ މޮޅުވެފައިވަނީ 2-5ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒައިޒީގެ ފާޠިމަތު ނިހާއެވެ. މީގެ އިތުރުން އިހްވާން ޖޫނިއާ އާއި ރޯނު ކަނބަލުން ބައްދަލު ކުރި މެޗުގައި ރޯނު ކަނބަލުން ވަނީ 11-1 އިން މެޗު ކާމިޔާބުކޮށް، ސެމީއަށް ދަތުރު ކޮއްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮއްފައިވަނީ ރޯނު ކަނބަލުންނަށް 6 ލަނޑު ޖަހައިދިން މަރިޔަމް ނޫރާއެވެ.

އިއްޔެ ކުޅުނު ފިރިހެން ޑިވިޜަނުގެ މެޗުތަކަށް ބަލައިލާއިރު، ބިއްލެޑޭ އެފްސީއާއި ރާޅު ބައްދަލު ކުރި މެޗު ވެގެންދިޔައީ ވަރަށް ވެސް ފޯރިގަދަ މެޗަކަށެވެ. 2-4ގެ ނަތީޖާއިން ބިއްލެޑޭ އެފްސީ މެޗުގެ ކުރި ހޯދާފައިވާއިރު، މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލް ކުރީ އެ ޓީމަށް 2 ގޯލު ކާމިޔާބުކޮއްދީފައިވާ މުޙައްމަދު ނައިސަމް އިބްރާހީމް ޝަރީފެވެ.

މީގެއިތުރުން ދަގަތަ އެފްސީއާއި އިހްވާން އެސްސީ ބައްދަލު ކުރި މެޗު 9-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ދަގަތަ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަގަތަ އެފްސީގެ އެ ޓީމަށް 4 ގޯލު ޖަހައިދިން ޢަބްދުﷲ ތަހްޝީނެވެ.

ފިރިހެން ޑިވިޜަނުގެ ޓީމުތަކުން މި ވަގުތު އެންމެ ކުރީގައި އޮތީ 12 ޕޮއިންޓާއެކު ރޯނު އެފްސީއެވެ. ރޯނު އެފްސީއާއި ދަގަތަ އެސްސީގެ އިތުރުން ރާޅު މިހާރު ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮއްފައެވެ. މިއަދުގެ މެޗުތަކަށްފަހު، ސެމީ ފައިނަލަށް ދަތުރު ކުރާ ހަތަރުވަނަ ޓީމު އެނގިގެން ދާނެއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ފެށިގެންދާނީ މާދަމާ ހަވީރެވެ.