ފަތުރުވެރިކަން ކުރިއެރުވުމަށް މަންތާ އެއަރއާއެކު ހއ. މުރައިދޫ ކައުންސިލުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ރަށު ކައުންސިލާއި މަންތާ އެއަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) މުޙައްމަދު ޚަލީލާއެކު ބޭއްވުނު މި ބައްދަލުވުމުގައި މުރައިދޫގައި ފަތުރުވެރިކަން ފެށިގެންދާއިރު، ރަށް އިޝްތިހާރުކޮށް، ޕްރޮމޯޓް ކުރުމާ ގުޅޭގޮތު ވާހަކަ ދައްކާފައިވެއެވެ.

Ad
rt

އެގޮތުން މުރައިދޫ ކައުންސިލުން ބުނީ، އެ ރަށުގައި، ފަތުރުވެރިކަން ކުރިއެރުވުމަށް، ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރިއެވެ.

މީގެ އިތުރުން، ރަށުގެ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާއި، އެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވިފައިވާކަމަށް މުރައިދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން"އަށް ވިދާޅުވީ، މުރައިދޫގެ ޤުދުރަތީ މުއްސަނދިކަމުގެ ބޭނުން ހިފައިގެން ރަށުގެ އިޤްތިޞާދު ފަތުރުވެރިކަމުގެ ތެރެއިން ކުރިއެރުވުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ޓޫރިޒަމަށް ދޫކުރެވިފައިވާ 4 ބިމުގައި ވަރަށް އަވަހަށް ގެސްޓްހައުސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގެސްޓްހައުސް ވިޔަފާރީގެ އިތުރުން، ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށްވެސް ކައުންސިލުން ދަނީ ރާވަމުންނެވެ. އެގޮތުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަ ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކެއް ތަރައްޤީކުރުމާއި، ޓޫރިޒަމްގެ މުހިންމުކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށް އަމްޖަދު ފާހަގަ ކުރެއްވިއެވެ.

މުރައިދޫއަކީ ގުދުރަތީ ގޮތުން ޓައިގާ ޝާކާއި މަންތާ އަދި ސޮފްޓް ކޮރަލްސް ގިނަ އަދަދަކަށް ފެންނަ، ފާހަގަކޮށްލެވޭ ޑައިވިންގ އަދި ސްނޯކްލިންގ ޕޮއިންޓްތަކެއް އެކުލެވިގެންވާ ރަށެކެވެ. މި ސަރަޙައްދުގެ ޤުދުރަތީ މުއްސަނދިކަމުގެ ސަބަބުން، ކައިރި އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މުރައިދޫ ކައިރިއަށް ޓައިގާ ޝާކާއި މަންތާ ބެލުމަށް ޒިޔާރަތްކުރެއެވެ.