ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީ (އެފްއެސްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެފްއެސްއޭ ނެއްލައިދޫ ފުޓްސަލް ކަޕް 2026" ފަށައިގެން ފޯރިއާއެކު ކުރިއަށް އެބަދެއެވެ.

ޖުމްލަ 5 ޓީމު ވާދަކުރާ މި މުބާރާތް ރަސްމީކޮށް ފަށާފައިވަނީ 20 ސެޕްޓެމްބަރ 2026 ގައެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 27 ސެޕްޓެމްބަރ 2026 ގައެވެ.

Ad
rt

ފަޓޯ ސްޕޯޓްސް އެކަޑަމީގެ ރައީސް ފާރޫޤް "ތިލަދުން"އަށް ވިދާޅުވީ 2024 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަން ފެށީ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ކުޅުންތެރިން ތައްޔާރުކުރުމަށްޓަކައި، ރަށު ފެންވަރުގައި މުބާރާތެއް ބާއްވައިދިނުމަށް ކުޅުންތެރިން އެދުމާ ގުޅިގެންނެވެ.

ނެއްލައިދޫގެ ޒުވާނުންނާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި، ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފައްދައި ޤައުމީ ފެންވަރުގައި ވިދާލާނެ ކުޅުންތެރިން ބިނާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގެ ޚާއްސަ މަޤާމުތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އެ ގޮތުން، މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމާއި، މެޑަލް އަދި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 4،000 ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި ފެއަރ ޕްލޭ ޓީމަށް 1،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ކުޅުންތެރިންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، 18 އަހަރުން ދަށުގެ އެންމެ އުއްމީދީ 5 ކުޅުންތެރިން، ޓޮޕް ސްކޯރާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް އޮފް ދަ ޓޯނަމެންޓް) ހޮވުމަށްވެސް ވަނީ ނިންމާފައެވެ.

"މިއީ ރަށުގެ ޒުވާން ޖީލަށް އެކަޑަމީގެ ފަރާތުން ކޮށްދެވޭ މުހިންމު ޚިދުމަތެއް އަދި މަސައްކަތެއް" މި މުބާރާތާ ގުޅޭގޮތުން އެކަޑަމީގެ ރައީސް ފާރޫޤު ވިދާޅުވިއެވެ.

މިއީ ފަޓޯ ސްޕޯޓްސް އެކަޑަމީން މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.

ފަޓޯ ސްޕޯޓްސް އެކަޑަމީން ދަނީ ފުޓްސަލްގެ އިތުރުން ފުޓްބޯޅަ، ހޭންޑްބޯޅަ އަދި ވޮލީބޯޅަ ކޯޗިން ކުރިއަށް ގެންގޮސް ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މީގެއިތުރުން ޤުރުއާން މުބާރާތްތައް ބޭއްވުމާއި، ޝެއިޚުން ގެނެސްގެން ދީނީ ނަސޭހަތާއި ދަރުސް ދިނުމުގެ ޕްރޮގްރާމްތައްވެސް އެކަޑަމީން އިންތިޒާމުކުރެއެވެ.