ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވަން ހަމަޖެއްސި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާއި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ.

Ad
rt

ވަކިވަކިން ކުރިއަށް ގެންދާ މައްސަލަތަކުގެ ތެރެއިން ފުއްގިރީގެ މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ތާވަލްކޮށްފައި ވަނިކޮށް އެ އަޑުއެހުން ކެންސަލްކުރީ ދައުލަތުން އެދިގެންނެވެ.

އެހެން ނަމަވެސް އަންނަ ހަފުތާގައި ބާއްވަން ނިންމާފައިވާ އާރަށް މައްސަލާގެ އަޑުއެހުން ކެންސަލްކުރި ކަމެއް އަދި ނާންގަ އެވެ.

އެ ދެ މައްސަލަ ވެސް މިހާރު އޮތީ ނިމުމަކާ ގާތަށް ގޮސްފަ އެވެ.

އާރަށް މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވާފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ. އަދި އެ މައްސަލާގައި އާ ހެކިތަކެއް ދައުލަތަށް ހުށަހެޅުމުން އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އަދި ފުއްގިރި މައްސަލާގައި މިހާރު އޮތީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގަ އެވެ.