ވިއްސާރަ މޫސުމާ ގުޅިގެން ހއ. އުތީމުން ޑެންގީ ހުން ފެންނަމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި އުތީމު ކައުންސިލާއި އެ ރަށު ސިއްޙީ މަރުކަޒު ގުޅިގެން ހާއްސަ އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
އެ ރަށުން، ޑެންގީ ކޭސްތައް ފެނުމާ ގުޅިގެން، ރަށުގެ ކޮންސްޓްރަކްޝަން ސައިޓުތައް ބަލައި މޮނިޓަރ ކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން ފުރަތަމަ މޮނިޓަރ ކުރިއިރު ބޮޑެތި ބައެއް ސައިޓުތަކުގައި، ފެން ހެދި، މަދިރި ފަނި އަޅާފައި ހުރިކަން ފާހަގަކުރެވުނު ނަމަވެސް، ފަހުން އަލުން ޒިޔާރާތްކޮށް ބެލިއިރު އެ ކަންކަން ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައިކަމުގައި ކައުންސިލުން ބުންޏެވެ.
އުތީމު ކައުންސިލްގެ ރައީސް ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި މިހާރު އިރަށް ފޮގު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރައްޔިތުން ހޭލުންތެރި ކުރުމަށްޓަކައި ދެ އިރަށް އަޑުގަދަކުރާއިން އެނައުންސްމަންޓް ދެމުންދާއިރު، ސިއްޙީ މަރުކަޒުގެ ލަފަޔާއެކު ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާކަމަށް ރަޝީދު ވިދާޅުވިއެވެ.
ޑެންގީ ހުން އެ ރަށުގައި ފެތުރެމުން ދާތީ، މިހާރު ވެސް އެ ކައުންސިލުންދަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެ ގޮތުން، ރަށުގެ ކުޑަކުދިންގެ ޕާކާއި، ޕްރީސްކޫލް އަދި ޤުރުއާން ކުލާސްތައް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރެވެމުންދާ މި މަސައްކަތްތަކުގައި އުތީމުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ކައުންސިލުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!