ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް ރަސްމީ ދަތުރެއްގައި މިއަދު ޕާކިސްތާނަށް ފުރައިފިއެވެ.

ޕީއެންސީން ބުނިގޮތުގައި މި ދަތުރުގައި ޕާކިސްތާނަށް ވަޑައިގެންނެވި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

Ad
rt

އަބުދުއްރަޙީމްގެ އިތުރުން މި ވަފުދުގައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، އެ ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ޕީއެންސީން ބުނި ގޮތުގައި މި ދަތުރަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ދެއްވި ހާއްސަ ދައުވަތަކަށް އެ ބޭފުޅުން ކުރައްވާ ރަސްމީ ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، ތަޖުރިބާއާއި ހިޔާލު ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.

ޕާކިސްތާނަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ މި ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ޕާޓީން ބުނެއެވެ.