ސިޔާސީ ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި، ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އެގޮތުން، އެ ކޮމިޝަނުން ބުނެފައިވަނީ ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ލިބިދޭ އަސާސީ ޙައްޤަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޙަރަކާތްތައް ހިންގުމަކީ އެ ކޮމިޝަނުގެ އެދުމެއްކަމުގައި ވެސް އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ޙަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާ ޚިލާފު ނުވާނެ ގޮތެއްގެމަތިން ޢަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނަޞޭޙަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!