ރޭގަނޑު މާ މަދުން ނުވަތަ މާ ގިނައިން ނިދުމަކީ ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ބަޔޮލޮޖިކަލް އުމުރު އަވަހަށް ދުވަސްވުމަށް ނުވަތަ މުސްކުޅިވުމަށް މަގުފަހިކުރުވާ ކަމެއްކަން ދިރާސާއަކުން ދައްކައިފިއެވެ. ގާތްގަނޑަކަށް 500،000 މީހުންގެ މަޢުލޫމާތު ދިރާސާކޮށްގެން ހޯދާފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި، ހަށިގަނޑުގެ ގުނަވަންތައް އެންމެ އާދައިގެ ނުވަތަ ދުޅަހެޔޮ މިނެއްގައި ހިފެހެއްޓެނީ ރޭގަނޑު 6.4 ގަޑިއިރާއި 7.8 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ނިދުމުންނެވެ.
"މަލްޓީ" ކޮންސޯޓިއަމްއިން ކުރިއަށްގެންދިޔަ މި ދިރާސާގައި، އުމުރުން 37 އަހަރާއި 84 އަހަރާ ދެމެދުގެ މީހުން ބައިވެރިކޮށްފައިވެއެވެ. މި ދިރާސާގައި ހަމައެކަނި އެއް ބަޔޮމާކާއަށް ބެލުމުގެ ބަދަލުގައި، އެމްއާރްއައި އާއި، ޕްލާޒްމާ ޕްރޮޓިއޮމިކްސް އަދި މެޓަބޮލޮމިކްސް ބޭނުންކޮށްގެން ހަށިގަނޑުގެ އުމުރު ވަޒަންކުރާ 23 "ބަޔޮލޮޖިކަލް އޭޖިންގ ކްލޮކް" ވަނީ ދިރާސާކޮށްފައެވެ. މި ދިރާސާގެ ހޯދުންތަކުން ނިދުމުގެ މުއްދަތާއި ގުނަވަންތަކުގެ އުމުރާ ދެމެދު "ޔޫ-ޝޭޕް" ގުޅުމެއްވާކަން ވަނީ ސާބިތުވެފައެވެ.
ދިރާސާވެރިން ބުނި ގޮތުގައި، މަދުން ނުވަތަ ގިނައިން ނިދުމުގެ ސަބަބުން ގުނަވަންތައް އަވަހަށް މުސްކުޅިވުމުގެ އަސަރު ފެންނަނީ ހަމައެކަނި ސިކުނޑިއަކުން ނޫނެވެ. ދިރާސާކުރެވުނު 23 ކްލޮކްގެ ތެރެއިން 9 ކްލޮކަކުން މި ގުޅުން ސާފުކޮށް ފެންނަން ހުރިއިރު، އޭގެ ތެރޭގައި ހިތާއި، ފުއްޕާމެޔާއި، ފުރަމެޔާއި، ދިފާއީ ނިޒާމުގެ އިތުރުން ހަންގަނޑާއި، އެންޑޯކްރިން ނިޒާމާއި، ސަބީ (ފެޓް) ޓިޝޫ އަދި ޕެންކްރިއާސް ހިމެނެއެވެ. މިއިން އެނގެނީ ނިދުމުގެ މުއްދަތު ބަދަލުވުމަކީ ހަށިގަނޑުގެ ގިނަ ގުނަވަންތަކުގެ އުމުރަށް އެކީގައި އަސަރުކުރާ ކަމެއް ކަމެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި 6 ގަޑިއިރަށްވުރެ މަދުން ނިދުމާއި 8 ގަޑިއިރަށްވުރެ ގިނައިން ނިދުމަކީ ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ، މަރުވުމުގެ ނުރައްކާ މަތިކުރުވާ ކަމެކެވެ. ނިދުމުގެ އާދަތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ބަލިތައް ޖެހުމުގެ 153 ގުޅުމެއް ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 6 ގަޑިއިރަށްވުރެ މަދުން ނިދުމަކީ ނަފްސާނީ ބަލިތަކާއި، މެޓަބޮލިކް ބަލިތަކާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކާ ސީދާ ގުޅުންހުރި ކަމެކެވެ. އަދި 8 ގަޑިއިރަށްވުރެ ގިނައިން ނިދުމުން، ސިކުނޑިއާއި ފެޓް ޓިޝޫތައް މުސްކުޅިވުމުގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް މަގުފަހިވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
ނިދުމަކީ ހަމައެކަނި ހަށިގަނޑަށް އަރާމުދިނުން އެކަނި ނޫންކަމާއި، އެއީ ސިކުނޑިއާއި، ލޭހިނގުމުގެ ނިޒާމާއި، ދިފާއީ ނިޒާމު އަދި މެޓަބޮލިޒަމް އެކުއެކީގައި މަސައްކަތްކުރާ މުހިންމު ފިޒިއޮލޮޖިކަލް ހާލަތެއްކަން ދިރާސާގައި ބުނެފައިވެއެވެ. ނިދުމުގެ ތެރޭގައި ސިކުނޑީގެ ނިއުރޯމޮޑިއުލޭޓާތައް ވަކި އުސޫލަކުން ތަރުތީބުވެ، ސިކުނޑީގައި އުފެދޭ 'އެމިލޮއިޑް-ބީޓާ' އާއި 'ތޯ' ފަދަ ނުރައްކާތެރި ޕްރޮޓީންތައް ސާފުކުރުމަށް މަގުފަހިކޮށްދެއެވެ. ނިދުމުގެ ނިޒާމު ގަޑުބަޑުވުމުން، ހަށިގަނޑުގެ ދިފާއީ އަދި މެޓަބޮލިކް މަސައްކަތްތަކަށް ބުރޫއަރައި، ގުނަވަންތައް އަވަހަށް މުސްކުޅިވުމަށް މެދުވެރިވެއެވެ.
މި ދިރާސާގައި މުހިންމު ހޯދުންތަކެއް ފާހަގަކުރެވުނު ނަމަވެސް، ބައެއް އުނިކަންކަން ހުރިކަން ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި، ނިދާ މުއްދަތުގެ މަޢުލޫމާތު އެއްކޮށްފައިވަނީ ބައިވެރިން އަމިއްލައަށް ދިން މަޢުލޫމާތަށް ބަލައިގެން ކަމަށްވުމާއި، ނިދީގެ ފެންވަރާއި ނިދާ ވަގުތުގެ ގަވާއިދުންކަން ފަދަ ކަންކަން ސައިންޓިފިކް އާލާތްތަކުން ވަޒަންކޮށްފައި ނުވުން ހިމެނެއެވެ. އަދި ލޭގެ ސާމްޕަލްތައް ނަގާފައިވަނީ އެކި ވަގުތުތަކުގައި ކަމަށްވުމުން، ހަށިގަނޑުގެ ބަޔޮލޮޖިކަލް ބަދަލުތައް މުޅިން ފުރިހަމައަށް ދެނެގަތުމުގައި ގޮންޖެހުންތަކެއް ހުރިކަންވެސް ދިރާސާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!