މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ.

ޝަހީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ.

Ad
rt

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށްވެސް ޝަހީރު ވަނީ އައްޔަންކުރައްވާފައި ކަމަށެވެ.

އަޙްމަދު ޝަހީރަކީ ދިވެހި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 29 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް، ޝަހީރު ވަނީ އެ ކުންފުނީގެ އެކި އިސް މަޤާމުތައް ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި، 2014 އިން 2018 އަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އޭނާ ވަނީ އަދާކުރައްވާފައެވެ.

މީގެއިތުރުން، ޝަހީރު ވަނީ މި ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމުވެސް ފުރުއްވާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ޝަހީރަކީ މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއަރމަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.