އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
ރައީސް މި ބިލު ތަޞްދީޤުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެން އައު ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ.
މި ބިލަކީ 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ. މިއަދު މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، ކުރިން އެއްގަމު ދަތުރުފަތުރުގެ ކަންކަމުގައި ޢަމަލުކުރަމުން އައި ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 78/70 (މަގުމަތީގައި ހިނގާއުޅުމުގެ ޤާނޫނު) ވަނީ އުވިފައެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން ކަންކަން ރޭވުމެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުން މި ޤާނޫނުން ލާޒިމުކުރެއެވެ.
ތަޞްދީޤުކުރެއްވި ބިލުގައި، އެއްގަމު ދަތުރުފަތުރު ކުރުމުގައި އުޅަނދު ދުއްވާ ފަރާތްތަކުން ތަބާވާންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ވަނީ ސާފުކޮށް ކަނޑައަޅައިފައެވެ. މީގެ އިތުރުން އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދިނުމާއި، ދުއްވުމާއި، މަޑުކުރުމާއި، ޕާކުކުރުމާއި، ބޭނުންކުރުމުގެ ހަމަތަކުގެ އިތުރުން، އާންމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، މި ކަންކަމާ ގުޅޭ އިޖުރާތުތަކާއި އުސޫލުތައްވެސް ބިލުގައި ހިމެނެއެވެ.
މާލޭ ސަރަޙައްދުގައި އާބާދީ ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި، ގްރޭޓަ މާލެ ސަރަޙައްދު ވަނީ "ރަޖިސްޓްރޭޝަން އެންޑް ޓްރެފިކް މެނޭޖްމަންޓް ކޮންޓްރޯލްޑް ޒޯނެއް" ގެ ގޮތުގައި ހަމަޖައްސައިފައެވެ. މާލެ ސަރަޙައްދުގައި އެއްގަމު ދަތުރުފަތުރުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް ޚިދުމަތް ދިނުމަށްޓަކައި، 3 އަހަރު ދުވަހުގެ މުއްދަތަކަށް "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ" ގެ ނަމުގައި ޙާއްޞަ އޮފީހެއް އުފެއްދުމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ސަރަހައްދާ ގުޅޭ ޚާއްޞަ އުސޫލުތައް ކަނޑައެޅުމަށްޓަކައި "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށްވެސް މި ބިލުން ވަނީ ހަމަޖައްސައިފައެވެ. އަދި ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމުގެ މަގުސަދުގައި ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށްވެސް ތަޞްދީޤުކުރެއްވި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!