ކަޅުބާޒާރުގައި ޑޮލަރު ވިއްކުމުގައި ރިސޯޓް ވިޔަފާރީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުންގެ އިތުރުން ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތައްވެސް ޝާމިލުވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ކަޅުބާޒާރުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުއްދަ ނުނަގައި އަދި އެއްވެސް ލައިސަންސެއް ނެތި ވަރަށް ގިނަ ފަރާތްތަކުން ރުފިޔާ މާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ވަކި ރިސޯޓް ޗެއިނަކުން 9 މަސްދުވަހުގެ ތެރޭގައި 4 މިލިޔަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
ވަޒީރު އިޙްސާން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކަންބޮޑުވުންތަކާ ގުޅިގެން ބަލަމުންދާ މައްސަލަތަކުގައި މިހާތަނަށް 7 ތަނެއް ބަލައި މަޢުލޫމާތު އެއްކޮށްފައިވާ ކަމަށާއި އިތުރު ތަންތަންވެސް ބަލަމުންދާ ކަމަށެވެ. އަދި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހުއްދަ ނުނަގާ ރާއްޖޭގައި ޑޮލަރު މާރުކުރުމަކީ ޖިނާޢީ ކުށެއް ކަމަށް ވަޒީރު ހަނދާންކޮށްދެއްވިއެވެ.
"ފަހަރެއްގަ ވަރަށް ގިނަ މީހުންނަށް މީ އާދައިގެ ކަމެއްގެ ގޮތުގައި ބެލިގެން މިކަން ކުރެވިފަ އޮވެދާނެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންވެސް ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ނޭނގި ތިބެ ނަމަވެސް ޖިނާޢީ މިފަދަ ބޮޑެތި ކުށްތަކަށް އަރައިނުގަތުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ބޭރު ފައިސާ މާރުކުރާނަމަ ހުއްދަ ލިބިފައިވާ އަދި ލައިސަންސް ދީފައި ހުންނަ ތަންތަނުން އެމްއެމްއޭގެ ރޭޓުގައި މާރުކުރުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެ ރޭޓަށްވުރެ ބޮޑުކޮށް އެކަން ކުރާނަމަ، އެއީ ޤާނޫނާ ޚިލާފު ކަމެއްކަން އެފަދަ ފަރާތްތަކަށް ހަނދާންކޮށްދިނުމަށްވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!