ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުކޮށް، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ ގައުމުގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި އޭނާގެ ނަޒަރުގައި 14 ދާއިރާއަކުން ޤާނޫނުއަސާސީ އަށް ގެންނަންޖެހިފައިވާ އިސްލާހުތައް ފާހަގަކުރަށްވާފައެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކަށް ބޮޑެތި ބަދަލުތަކެއް

ފައިސަލް ހުށަހެޅުއްވި އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 60 އަށް މަދުކުރުމެވެ. އަދި މެމްބަރުން އިންތިޚާބު ކުރާއިރު ވަކިވަކި ދާއިރާތަކުގެ ބަދަލުގައި މުޅި އަތޮޅުން ވޯޓު ދީގެން މެމްބަރުން ހޮވާ ގޮތަށް ބަދަލުކުރުމަށް އޭނާ ހުށަހެޅުއްވިއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހަމަޖައްސައި، ސީދާ މަޖިލީހުން އެކަން ނިންމާ ގޮތަށް ބަދަލުކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ދައުލަތުގެ އިސްވެރިޔާ އާއި ރައީސުލްޖުމްހޫރިއްޔާ ވަކިކުރުން

ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކުގެ ތެރޭގައި، ސަރުކާރު ހިންގުމަށް ރައްޔިތުންގެ ވޯޓުން ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އިސްވެރިޔަކު ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވުމަށް ފައިސަލް ހުށަހެޅުއްވިއެވެ.

"މި ގޮތުން ރައްޔިތުން އިންތިޚާބުކުރާ ދައުލަތުގެ ވެރިޔާގެ މަގާމަކީ، ސިޔާސީ ނޫން މަގާމެއްގެ ގޮތުގައި ކަނޑައަޅައި، ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތި، ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރުން" މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލާއެކު ގާނޫނުތައް ތަސްދީގު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމުގެ ބާރު ދައުލަތުގެ އިސްވެރިޔާއަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

އިގްތިސާދީ އަދި އިދާރީ އިސްލާހުތައް

ފައިސަލްގެ ހުށަހެޅުންތަކުގެ ތެރޭގައި ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުމާއި، ގައުމީ ޕްރޮކިއުމަންޓް އޮފީހެއް ގާއިމުކޮށް ކޮރަޕްޝަން ހުއްޓުވުން ހިމެނެއެވެ. އަދި ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން އަތޮޅުތައް ހިންގައި، ރަށްރަށަށް ބާރުތައް ދޫކޮށްލުމުގެ އިތުރުން، ސަރުކާރު ބަދަލުވި ނަމަވެސް ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ހާއްސަކުރުމާއި، ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށް ވެސް ފައިސަލް ވަނީ ބާރުއަޅުއްވާފައެވެ. މި ހުރިހާ ބަދަލުތަކަކީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުން ބޭނުންވާ ފަދަ ކުރިއެރުމެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.