ނިމުނު އެމްޑީޕީގެ ސަރުކާރުން ހއ. ދިއްދޫގައި 18 މިލިއަން ރުފިޔާއަށް އެޅޭނެ ފަދަ އިންޖީނުގެއެއް އެޅުމަށް 64 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އެތަނުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައިވެސް ނިމިފައި ނުވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ހުރިހާ ރަށަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފުރިހަމަކޮށްދޭނެ ކަމަށް ބުނި ނަމަވެސް، ވެރިކަން ނިމުނުއިރުވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ލަތީފްގެ ވާހަކާގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ދިއްދޫގައި އިންޖީނުގެ އެޅުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުން ހޭދަކުރި ފައިސާއަކީ ބާޒާރުގެ އަގުން ބަލާނަމަ ތިން އިންޖީނުގެ އެޅޭނެހާ ގިނަ ފައިސާ ކަމަށް ވިދާޅުވިއެވެ.
''ރާއްޖޭގެ ރައްޔިތުންނަށް އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މިކަން ސާފުކޮށް ފެންނަން އޮންނާނެ، އަޅުގަނޑުގެ ދާއިރާ ދިއްދޫ ދާއިރާގައި މިފެނާއި ނަރުދަމާ އާއި ކަރަންޓް ދޭން ވެގެން ދިއްދޫގައި ޚިދުމަތް ދިނުމަށް އިންޖީނު ގެއެއް 64 މިލިއަން، ބާޒާރުގެ މާކެޓް އަގުންނަމަ ގާތްގަނޑަކަށް 18 ވަރަކަށް މިލިއަން ރުފިޔާ އަށް 20 އަކަށް މިލިއަން ރުފިޔާ އަށް ހެދޭވަރު ތަނެއް މިކިޔަނީ 64 މިލިއަން ރުފިޔާ ދިިޔައިރު އިންޖީނުގޭގެ ދެބައިކުޅަ އެއްބައި ނެހެދޭ، މިއީ ދައުލަތަށް މިއީ ސަރުކާރަށް ވެފައިވާ ޚިޔާނާތް،'' ލަތީފް ވިދާޅުވެފަވެއެވެ.
ލަތީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ކަންކަން ހުރީ މިފަދަ ހާލަތެއްގައެވެ. ބައެއް ރަށްރަށަށް ކޭބަލެއް ނުވަތަ އިންޖީނެއް ގެނެސް، މަސައްކަތްތަކެއް ފަށާފައި ހުރި ނަމަވެސް، ފެށި މަސައްކަތެއް ނިންމާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.
''މިފަދަ ކަންކަން ކުރުމުން ރައްޔިތުންނަށް ލިބެންވާ ޚިދުމަތްތައް، ދަތިތަކާއި އުނދަގޫތަކާއި މީގެ ބުރަ އުފުއްލަން މިޖެހެނީ ރައްޔިތުންނަށް، 64 މިލިއަން ރުފިޔާ ޚަރަދުކުރީމަ އިންޖީނުގޭ ހުރި ހާލަތު މިއަދު ބަލައިލީމަ ހުންނާނެ ފެންނަން، މިއީ މިދިޔަ ސަރުކާރުން ވެފައިވާ ބޮޑެތި ކިޔާނަތްތައް، 64 މިލިއަން ރުފިޔާ ވާހަކަ މި ދައްކަނީ، ބާޒާރުގެ އަގުގައި ބުނާނަމަ ތިން އިންޖީނުގެ އަޅާހާ ޚަރަދު ދިޔައިރުގައި، 64 މިލިއަން ރުފިޔާ ދިޔައިރު އިންޖީނުގޭގެ 60 ޕަސެންޓް އަދި ނުނިމޭ، މި ރައްޔިތުންގެ މަޖިލީހުން ބަލަން އެބަޖެހޭ'' ލަތީފް ވިދާޅުވެފަވެއެވެ.
ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޤާނޫނުން ސަރުކާރުތަކަށް ލާޒިމުކޮށްފައިވާ ކަމެއްކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން އެ ޚިދުމަތްތައް ނުދީ ރައްޔިތުން ތިބީ އާދޭސްކުރަން ޖެހޭ ހާލަތެއްގައި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!