ވޯލްޑް ކަޕްގެ ފޯރިގަދަ ސެމީ ފައިނަލްގައި އަންގާރަ ދުވަހު ފްރާންސާ ދެކޮޅަށް ނުކުތުމުގެ ކުރިން، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ފްރާންސަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ހުކުރު ދުވަހު ކުޅުނު ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، 2010 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސްޕެއިން ސެމީ ފައިނަލަށް ދަތުރުކުރުމާ ގުޅިގެން ޔަމާލް ބުނީ، ފްރާންސުން ބިރުގަންނަންޖެހޭނެ ހަމައެކަނި ޓީމަކީ ސްޕެއިން ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ފްރާންސުން ބިރުގަންނަންޖެހޭ ބަޔަކު ތިބި ނަމަ އެއީ އަހަރެމެން. މީގެ ކުރިންވެސް އެމީހުން މުބާރާތްތަކުން ބޭރުކޮށްލީ އަހަރެމެން،" އުމުރުން 18 އަހަރުގެ ޔަމާލް ބުންޏެވެ.
ސްޕެއިންއިން ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލާއި މިދިޔަ އަހަރުގެ ނޭޝަންސް ލީގުގައިވެސް ފްރާންސް ބަލިކޮށްފައެވެ. މި ދެ ޓީމު އަންނަ ހަފުތާގައި ބައްދަލުކުރާނީ އެމެރިކާގެ ޑަލަސް ކައުބޯއީސް ސްޓޭޑިއަމްގައެވެ.
ބެލްޖިއަމް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔަމާލް އިތުރަށް ބުނީ، ސްޕެއިން އެއްވެސް ޓީމަކަށް ބިރުނުގަންނަ ކަމަށާއި، ދެ ޓީމަކީވެސް ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ދެ ޓީމު ކަމަށެވެ. ސްޕެއިން ސެމީ ފައިނަލަށް ދަތުރުކުރީ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 88 ވަނަ މިނެޓުގައި މިކޭލް މެރީނޯ ޖެހި ލަނޑުންނެވެ.
މި މުބާރާތުގައި ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ވަނީ އޭނާގެ ޓީމަށް އޮތް އިތުބާރު ހާމަކޮށްފައެވެ. "އަހަރެމެން އަދި މި ހިސާބުން ނިމުނީއެއް ނޫން. ސެމީއަށް ދެވުމުން އުފާވޭ، އެކަމަކު އަހަރެމެން ބޭނުންވަނީ އިތުރު ކާމިޔާބީ. ފްރާންސް ބަލިކުރުމުގެ ގާބިލްކަން އަހަރެމެންގެ އެބަހުރި،" ކޯޗު ބުންޏެވެ.
މިދިޔަ ދެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެ، 2018 ގައި ތަށި ހޯދި ފްރާންސާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، އެ ޓީމު އޮތީ 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބަލިނުވެ 37 މެޗު ފުރިހަމަކޮށްފައެވެ.
ޔަމާލް ބުނި ގޮތުގައި ސްޕެއިންގެ އެންމެ ބޮޑު ބާރަކީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ރީތި ކުޅުމެވެ. އަދި މިހާތަނަށް އެއްވެސް ޓީމަކަށް ސްޕެއިންއާ އެއްވަރަކަށް ކުޅެވިފައިނުވާ ކަމަށާއި، ހުރިހާ ޓީމުތަކުންވެސް ސްޕެއިންއާ ދެކޮޅަށް ކުޅެނީ ފަހަތަށް ޖެހިގެން ކަމަށް އޭނާ ފާހަގަކުރިއެވެ. އަންނަ ހޯމަ ދުވަހު 19 އަހަރު ފުރޭ ޔަމާލް ވަނީ މި މުބާރާތުގައި ލަނޑު ޖެހުމަށްވުރެ ބޮޑަށް ޓީމުގެ ކުޅުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!