2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާ އަތުން 2-1 އިން ޕޯޗުގަލް މޮޅުވެ، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރުމާ ގުޅިގެން ކެނެޑާގެ ޓޮރޮންޓޯގައި ތިބި އެތައް ހާސް ސަޕޯޓަރުންނެއް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗަށްފަހު، ޕޯޗުގަލް ޓީމު މަޑުކޮށްގެން ތިބި ޑެލްޓާ ހޮޓާ ކައިރިއަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ރޮނާލްޑޯގެ ނަމުން ގޮވައި އުފާފާޅުކޮށްފައިވެއެވެ.
މި މެޗުގައި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށްފައެވެ. މިއީ އޭނާގެ ދިގު ވޯލްޑް ކަޕް ކެރިއަރުގައި ނޮކްއައުޓް މަރުހަލާގައި ޖެހި ފުރަތަމަ ލަނޑެވެ. މެޗުގެ ފޯރިގަދަވެގެން ދިޔައިރު، ރޮނާލްޑޯ ޖެހި ލަނޑާއެކު ސްޓޭޑިއަމް ތެރެއިން އިވުނު "SIUUUU!" ގެ އަޑު މާސްއަށް ވެސް އިވޭނެ ކަމަށް ބައެއް ރިޕޯޓަރުން ސިފަކޮށްފައިވެއެވެ. މެޗުގެ ފަހު ވަގުތު ގޮންސާލޯ ރާމޯސް ޖެހި ލަނޑާއެކު ޕޯޗުގަލް މޮޅުވިއިރު، ކްރޮއޭޝިއާއިން ޖެހި ލަނޑެއް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.
BTS OF RONALDO AND THE FANS OUTSIDE THE TORONTO HOTEL
(via YT/Federação Portuguesa de Futebol) #FIFAWorldCup pic.twitter.com/4zWCoZVXru
— TSN (@TSN_Sports) July 3, 2026
ސަޕޯޓަރުންގެ ލޯތްބާއި އުފާފާޅުކުރުން
ޓޮރޮންޓޯގައި އޮތް ޕޯޗުގަލްގެ ބޮޑު އާބާދީއާއެކު މުޅި ސިޓީން ފެނިގެންދިޔައީ އީދެއް ފަދަ މާހައުލެކެވެ. ރޮނާލްޑޯ ހޮޓަލުގެ ބެލްކަންޏަށް ނުކުމެ ސަޕޯޓަރުންނަށް އަތުން ހަނާއަޅައި، އިތުރަށް ފޯރިނެގުމަށް އިޝާރާތް ކުރުމުން ސަޕޯޓަރުންގެ ފޯރި އިތުރަށް ގަދަވިއެވެ. ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި "ތޭންކް ޔޫ ޓޮރޮންޓޯ" ޖަހައި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. މި ޕޯސްޓަށް އެންމެ ގަޑިއިރެއްގެ ތެރޭގައި ތިން މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައިވެއެވެ.
ޕޯޗުގަލްގެ ހެޑް ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ވަނީ ޓޮރޮންޓޯގެ ސަޕޯޓަރުންނާއި ސްޓޭޑިއަމްގެ ފެންވަރަށް ތައުރީފުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޓޮރޮންޓޯގައި ދެން އިތުރު މެޗެއް ކުޅެން ނެތުމަކީ ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ސަބަބަކީ މިއީ ޓޮރޮންޓޯގައި ކުޅުނު މި މުބާރާތުގެ ފަހު މެޗަށް ވާތީއެވެ.
ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕް؟
މިއީ ރޮނާލްޑޯ ކުޅޭ ހަވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މިއީ އޭނާ ގައުމީ ޓީމަށް ކުޅޭނެ ފަހު މުބާރާތް ކަމަށް ރިޕޯޓްތައް ބުނެއެވެ. އުމުރުން 41 އަހަރުގައި ވެސް އޭނާ ދައްކަމުންދާ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދާއިރު، އޭނާގެ އަމާޒަކީ ޕޯޗުގަލްއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދައިދިނުމެވެ. ޕޯޗުގަލް ދެން ނުކުންނާނީ އަންނަ ހޯމަ ދުވަހު ގަދަ 16 ގެ މެޗުގައި ސްޕެއިންއާ ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!