ޕެނަލްޓީ ޝޫޓްއައުޓްގައި އިސްމާއިލް ސައިބާރީ ކާމިޔާބުކުރި ލަނޑާއެކު، މޮރޮކޯއިން ނެދަލެންޑްސް ބަލިކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ނެދަލެންޑްސް މިހާ އަވަހަށް މުބާރާތުން ވަކިވި ފުރަތަމަ ފަހަރެވެ.

Ad
rt

ޕެނަލްޓީގެ ހަތަރު ބުރު ނިމުނުއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮއްވައި، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ކްރިސެންސިއޯ ސަމަވިލް ފޮނުވާލި ޕެނަލްޓީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ ފަހުން ސައިބާރީ ވަނީ ކީޕަރު ބާޓް ވާބްރޫގެން އަށް އެއްވެސް ފުރުސަތެއް ނުދީ، ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މޮރޮކޯ މޮޅުކޮށްދީފައެވެ. މޮޅުވި ލަނޑަށްފަހު އޭނާ ވަނީ ޖާޒީ ބާލައި، އުފާވެރިކަމާއެކު ހަޅޭއްލަވަމުން ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކޮށްފައެވެ.

މޮރޮކޯގެ ކެޕްޓަން ހަކީމީ، އޭނާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައި، ފޮޓޯ: ރޮއިޓާސް

ޕެނަލްޓީގެ ދެވަނަ ބުރުގައި މޮރޮކޯ 1-0 އިން ފަހަތުގައި އޮއްވައި، ސުފިޔާން ރަހީމީ ފޮނުވާލި ޕެނަލްޓީ ކީޕަރު ވާބްރޫގެން ހުއްޓުވި ކަމަށް ހީވި ނަމަވެސް، އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް ލީޑު ނަގައިދިނީ ކޯޑީ ގަކްޕޯއެވެ. ސަމަވިލް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި މި ލަނޑަށްފަހު، ނެދަލެންޑްސްގެ ބެންޗުގައި ތިބި ކުޅުންތެރިން ދަނޑަށް އަރައި އުމުރުން 27 އަހަރުގެ ގަކްޕޯއާއެކު އުފާފާޅުކުރިއިރު، އޭނާއަށް ވަނީ ރޮވިފައެވެ. ގަކްޕޯ އާއި އޭނާގެ ބައިވެރިޔާ ނޯއާ ވެން ޑާ ބައި ދާދި ފަހުން ވަނީ އެމީހުންގެ އަދި އުފަންނުވާ ދަރިފުޅު ބައިގެން ގޮސްފައިވާކަން ހާމަކޮށްފައެވެ.

މޮރޮކޯއިން ނަތީޖާ އެއްވަރުކުރީ 91 ވަނަ މިނެޓުގައި އީސާ ދިއޮޕް ޖެހި ލަނޑުންނެވެ. ޝެމްސްދީން ތަލްބީ އަރިމަތިން ހުރަސްކޮށްލި ބޯޅަ، ދިއޮޕް ވަނީ ބޮލުން ފޮނުވާލައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ނެދަލެންޑްސްއާއި އެއްވަރުކުރުމަށްފަހު މޮރޮކޯ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ރޮއިޓާސް

އެސްޓާޑިއޯ ބީބީވީއޭގައި ކުޅުނު މި މެޗުގެ އިތުރު ވަގުތުގެ 30 މިނެޓުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ނުލިބެއެވެ.

މިއީ މި މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ދެވަނަ މެޗެވެ. ހޯމަ ދުވަހުގެ ކުރީކޮޅު ޕެރަގުއޭ ވަނީ ޕެނަލްޓީގައި ޖަރުމަނު ބަލިކޮށްފައެވެ.

މި ދެ ޓީމަކީ ގަދަ 32 ގެ މެޗުތަކުގެ ތެރެއިން ރޭންކިންގެ ގޮތުން އެންމެ ވަރުގަދަ ދެ ޓީމެވެ. މޮރޮކޯ ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތްއިރު، ނެދަލެންޑްސް އޮތީ ހަތްވަނައިގައެވެ.

މީގެ ކުރިން ކުޅުނު 11 ވޯލްޑް ކަޕްގައިވެސް ނެދަލެންޑްސް ވަނީ މަދުވެގެން ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި އޮތް މުބާރާތުގެ ކުއާޓާ ފައިނަލަށް އެޓީމު ދިޔައިރު، އެ ފަހަރު މޮރޮކޯ ވަނީ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށް ދުނިޔެ ހައިރާންކޮށްލާފައެވެ. މިއަހަރުގެ މުބާރާތް ފުޅާކޮށް، ފުރަތަމަ ފަހަރަށް 32 ޓީމު ވަނީ ނޮކައުޓް މަރުހަލާއަށް ހޮވިފައެވެ.

ގަދަ 16 ގައި މޮރޮކޯ ދެން ބައްދަލުކުރާނީ ހޫސްޓަންގައި އަންނަ ހޮނިހިރު ދުވަހު ކެނެޑާއާއެވެ.