ހދ. އަތޮޅު ކައުންސިލަށް ދީފައިވާ ބަޖެޓުން، ހަނިމާދޫއާ އިދާރީގޮތުން ހިންގުން އެއްކޮށްލާފައިވާ ހިރިމަރަދޫގެ ކަންކަމަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ކުރި ޚަރަދުތަކުގެ ތަފްސީލު އެ ކައުންސިލުން އާންމުކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ހިރިމަރަދޫ އަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

Ad
rt

ހަނިމާދޫ އަވަށު އޮފީހުގެ ނަމުގައި ހިރިމަރަދޫއަށް ކުރި ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި، ޕެންޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެލަވަންސްތައް ހިމެނެއެވެ. އެގޮތުން މޭ މަހުގެ މުސާރައަށް 153,025.26 ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޕެންޝަނަށް 7,394.68 ރުފިޔާ އަދި އ.ތ.މ ކޮމިޓީއަށް 5,866.56 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން، ހިރިމަރަދޫގެ އަސާސީ ޚިދުމަތްތަކަށްވެސް ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ކުނިކޮށި ބެލެހެއްޓުމަށް 15,000 ރުފިޔާ، އިޖުތިމާއީ ސަރަހައްދު ސާފުކުރުމަށް 55,800 ރުފިޔާ، ސެކިއުރިޓީ ބެލެހެއްޓުމަށް 6,600 ރުފިޔާ އަދި ގުރުއާން ކްލާސް ހިންގުމަށް 21,000 ރުފިޔާ ހިމެނެއެވެ. މޭ މަހުގެ ޖުމްލަ ޚަރަދަކީ 267,780.43 ރުފިޔާ އެވެ.

ހަނިމާދޫ ކައުންސިލުން ބުނީ ހިރިމަރަދޫގެ ބްލޮކް ގްރާންޓް އަދިވެސް ހަނިމާދޫ ކައުންސިލަށް ލިބިފައި ނުވާތީ، ކުރިއަށް އޮތް ތަނުގައިވެސް ހިރިމަރަދޫގެ ޚިދުމަތްތަކަށް ޚަރަދުކުރަން ޖެހޭނީ ހަނިމާދޫ ރައްޔިތުންގެ ބަޖެޓުން ކަމަށެވެ.

މިކަމުގެ ސަބަބުން ހަނިމާދޫގެ ތަރައްޤީގެ މަޝްރޫއުތަކަށާއި އަސާސީ ޚިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މި މައުލޫމާތު އާންމުކުރީ ރައްޔިތުންނަށް ކަން ހިނގާގޮތް ސާފުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ހދ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައިވާތީ 2026 މޭ 17 ވަނަ ދުވަހުން ފެށިގެން ހދ. ހިރިމަރަދޫ ކައުންސިލް ވަނީ އުވާލާފައެވެ. މީގެ އިތުރުން ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައެޅުއްވުމާއެކު، މިދިޔަ ލޯކަލް އިންތިޚާބުގައި ހިރިމަރަދޫ ރައްޔިތުން ވޯޓުލީ ހަނިމާދޫ ކައުންސިލާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުމަށެވެ.

ހަނިމާދޫ ކައުންސިލަކީ ސަތޭކަ އިންސައްތަ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެވެ.