ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. މި ޖަޒީރާގެ ރަށްތައް ކުރިންސުރެ ގުރޫޕް ކުރެވިފައި ވަނީ ޤުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކެއްގެ މައްޗަށެވެ. ކައިރި ކައިރީގައި ހުންނަ ޤުދުރަތީ ބައެއް އަތޮޅުތައް އެއް އަތޮޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބަލައެވެ.

ކުރީ ޒަމާނުގައި ސިޔާސީ އަދި އިދާރީ ނިޒާމު ވެސް ހިންގަމުން އައީ މި ޠަބީޢީ ބައިތައް ނުވަތަ އަތޮޅުތަކުގެ މައްޗަށެވެ. އިދާރީގޮތުން ހިންގުން ފަސޭހަކުރުމަށް ޓަކައި އަތޮޅުތައް ދެބަޔަކަށް ބައިކުރެވުނީ ޤުދުރަތީ ގޮތުން އަތޮޅުތައް ބެހިފައިވާ ނިޒާމާ އެއްގޮތަށް ހިންގަމުން އަންނަތާ އެތައް ޒަމާނެއް ވީ ފަހުންނެވެ.

Ad
rt

ދިވެހި ތާރީޚުން ފެންނަން އޮތް އެންމެ ދުވަސްވީ އެއް ރަސްކަލަކީ އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ލިޔެވުނު ޒަމާނުގައި ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވި ސިރީ މަހާބަނަރަ މަހާރަދުން (1121-1142) އެވެ. މިއީ އެ ޒަމާނުގައި ދެކުނު އިންޑިއާގެ ބޮޑު ސަރަޙައްދެއްގައާއި ސްރީލަންކާއާއި އިންޑޮނޭޝިއާއާއި މެލޭޝިއާއާ ހަމައަށް އެބައެއްގެ ނުފޫޒާއި ބާރު ފޯރުވަމުން ދިޔަ ޗޯޅާއިން ހިފައިގެން ތިބި ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު މިނިވަންކޮށްދެއްވި ޤައުމީ ޤައުމީ ބަޠަލެވެ. އޭރު އަދި ދިވެހިރާއްޖެ އިސްލާމެއް ނުވެއެވެ. ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައެޅުއްވީ ނުވަތަ ދިވެހިރާއްޖެ އިސްލާމްވީ 1153 ވަނަ އަހަރުއެވެ.

މަލިކައްޑޫ ކުރީ ޒަމާނުއްސުރެ ކިޔަނީ ދިވެހިރާއްޖޭގެ ސަރަޙައްދު ބަޔާންކޮށްދިނުމަށެވެ. އެއީ މަލިކުން ފެށިގެން އައްޑޫއަތޮޅާ ހަމައަށެވެ. މިގޮތަށް ކިޔުނު ޒަމާނުގައި މަލިކަު ބަލަނީ ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އަތޮޅުކަމުގައެވެ. އޭރު ދިވެހިރާއްޖޭަގައި އޮންނަނީ 14 އަތޮޅެވެ. އެ އަތޮޅުތަކަިީ؛-

1. މަލިކު އަތޮޅު
2. ތިލަދުންމަތި
3. މިލަދުންމަޑުވަ
4. މާޅޮސް މަޑުވަ
5. ފާދޫފަރު
6. މަހަލު އަތޮޅު
7. އަރިއަދޫ އަތޮޅު
8. ފެލިދޫ އަތޮޅު
9. މުލަކު އަތޮޅު
10. ނިލަންދޫ އަތޮޅު
11. ކޮޅުމަޑުވަ
12. އިސައްދުންމަތި
13. ސުވަދިންމަތި
14. އައްޑޫ ފުވައްމުލަކު އަތޮޅު

މި އަތޮޅުތަކުގެ ނަންތަކަށް އެކި ދުވަސްވަރު ކުދިކުދި ބަދަލުތައް އައިސްފައިވެއެވެ. މަޑުވަ ނުވަތަ މަޑުލަ އަކީ އަތޮޅަށް ބޭނުންކުރާ ލަފުޒެކެވެ. މިލަދުންމަޑުވަ އަކީ މިލަދުންމަޑުލެވެ. އަތޮޅުތަކަށް ނަން ކިޔާފައި ވަނީ އެ އަތޮޅެއްގައި ހިމެނޭ ފާހަގަ ކުރެވޭފަދަ ރަށަކަށް ނިސްބަތްކޮށްދެއެވެ. ފޭދޫފަރަކީ މިހާރުގެ ފާދިއްޕޮޅެވެ. މަހަލު އަތޮޅަކީ މާލެ އަތޮޅެވެ.