ހދ. ކުރިނބީގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ ކުރިނބީ ޕޮލިސް ޕޯސްޓާއި، އެ ރަށު ސްކޫލް އަދި ކައުންސިލް ގުޅިގެން 30 އޭޕްރީލް 2026 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މި ޕްރޮގްރާމުގެ ދަށުން އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ތަފާތު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެ ދުވަހުގެ ހަވީރު 16:30 އިން 17:30 އަށް ގްރޭޑް 6 އިން މަތީގެ 36 ދަރިވަރުންނަށް ޚާއްސަ ސެޝަނެއް ބޭއްވުނެވެ. އަދި އެ ރޭ 20:30 އިން 21:30 އަށް ބެލެނިވެރިންނަށް ބޭއްވި ސެޝަންގައި 30 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް ހދ. އަތޮޅު ޕޮލިހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން، ހަވީރު 17:35 އިން 18:05 އަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމަލީ ތަމްރީނުތަކެއް ހިމެނޭ ޕްރެކްޓިކަލް ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ފަރާތަކަށް، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ބައިސްކަލުގައި ބޭނުންކުރާނެ ބައްތި ހަދިޔާކޮށްފައިވެއެވެ.

މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ ސާޖަންޓް އަޙްމަދު ފައިސަލްއެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މަގުމަތީގެ ގާނޫނުތަކަށް އާންމުން ހޭލުންތެރިވެ، އެކްސިޑެންޓްތައް މަދުވުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.