އެޕަލް ކުންފުނިން އުފައްދާ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ.
މި އާ ފޯނު ބާޒާރަށް ތައާރަފްކުރާނީ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ފޯނު އުފެއްދުމުގެ އިންޖިނިއަރިން ޓެސްޓް މަރުހަލާގައި ބައެއް ގޮންޖެހުންތައް ކުރިމަތިވެ، ފޯނު ނެރުން ލަސްވެދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. އެޕަލްގެ އަމާޒަކީ އާދައިގެ އައިފޯން މޮޑެލްތަކާ އެއް ދުވަސްވަރެއްގައި ނުވަތަ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން މި ފޯލްޑަބަލް ފޯނު ބާޒާރަށް ނެރުމެވެ.
އެޕަލް އިން ވަނީ މި ފޯނަށް ބޭނުންވާ ޑިސްޕްލޭ ޕެނަލްތަކުގެ އަދަދު 20 މިލިއަނަށް އިތުރުކޮށްފައެވެ. "އައިފޯން އަލްޓްރާ" ގެ ނަމުން ނަންދެވިފައިވާ މި ފޯނުގައި ބޭނުންކުރާނީ އޭ20 ޕްރޯ ޗިޕްސެޓާއި ސީ2 މޮޑެމް އެވެ. މީގެ އިތުރުން، އައިޕެޑްއާ އެއްގޮތް މަލްޓިޓާސްކިން ފީޗާތައް މި ފޯނުގައި ހިމެނޭނެއެވެ.
މި ފޯނުގެ އަގު އުޅޭނީ ގާތްގަނޑަކަށް 1,999 ޑޮލަރު ގައިކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މިއީ އެންޑްރޮއިޑް ބާޒާރުގައި މިހާރު ހުރި ފޯލްޑަބަލް ފޯނުތަކާ ވާދަކުރުމަށް އެޕަލް އިން އަޅާ ވަރުގަދަ ފިޔަވަޅެކެވެ. ސެމްސަންގް އަދި ޗައިނާގެ ކުންފުނިތަކުން މިހާރުވެސް ދަނީ ފޯލްޑަބަލް ފޯނުތައް ބާޒާރަށް ނެރެމުންނެވެ.
މި ފޯނު ނެރުމަށް އަދި ހަ މަސް ދުވަސް އޮތުމުން، ފޯނު ނެރޭނެ ސީދާ ތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިހާރުގެ ތާވަލަށް ބަލާއިރު، މިއީ އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު އުފަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!