ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ.

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ ހަނިމާދޫ ކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓް ބުދަ ދުވަހު އާންމުކޮށްފައިވާއިރު، ހަނިމާދޫގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ވަނީ ރައީސްގެ ގަރާރާއި އެއްގޮތަށް ހިރިމަރަދޫ މީހުން އިތުރުކޮށްފައެވެ.

މި އިތުރުކުރުމާއެކު 2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ހަނިމާދޫގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 2164 މީހުންނެވެ.

އެންމެ ފަހުން ބޮޑު އިންތިޚާބަކީ 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެ އިންތިޚާބުގައި ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ އަދަދަކީ 1671 އެވެ. އަދި ހިރިމަރަދޫގެ އަދަދަކީ 422 އެވެ.

ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ، ރަސްމީކޮށް ރަޖިސްޓަރީވެ ނިމުމުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ އުނިކުރެވޭނެކަމަށް އެ ގަރާރުގައި ބަޔާންކޮށްފަވެއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވެ ނިމުމުން، އެކަން ސަރުކާރުން ރަސްމީކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެން މި އިޞްލާޙަށް ޢަމަލުކުރަން ފަށާނެކަމަށް ވެސް މި ގަރާރުގައި ބުނެފަވެއެވެ.

ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި، ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެޗްޑީސީއާ ދެމެދު އެދުވަހު ވަނީ ސޮއިކޮށްފައެވެ.