ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ޙުސައިން ނައީމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވާ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފް އަށް އެޑްރެސްކޮށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީ އެއް "ތިލަދުން" އަށް ވަނީ ލިބިފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ޙުސައިން ނައީމްގެ އިސްތިއުފާއާ ގުޅިގެން، ކައުންސިލްގެ ހިންގުން ވަގުތީގޮތުން ހަވާލުވާނީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޢާރިފްއެވެ.
ތަކަންދޫ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވަމުން ޙުސައިން ނައީމް "ތިލަދުން" އާ ވާހަކަދައްކަވަމުން ވިދާޅުވީ، އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީ އާއިލީ ކަންކަން ހުރި ގޮތުން އިތުރަށް ކައުންސިލަށް ވަގުތު ދެއްވަން ދަތިވާތީ އެވެ. މީގެ އިތުރުން، ކައުންސިލުން ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން ޓޫރިޒަމަށް ބިން ދޫކުރުމުގެ މަސައްކަތް ހާސިލު ނުވެ އޮތް ކަމަށެވެ. އަދި އެކަން ނެތި ކުރިއެއް ނުދެވޭނެ ކަމަށާއި، އެހެންކަމުން އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލްތަކުގެ ޤާނޫނުގެ ދަށުން ކައުންސިލްގެ ރައީސުން އިންތިޚާބުކުރަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނެވެ. ނަމަވެސް، އަލަށް ކައުންސިލްތައް އިންތިޚާބުކުރުމުގެ މުއްދަތު ކައިރިވެފައިވާތީ، މި ވަގުތު އިތުރު ރައީސަކު އިންތިޚާބުކުރުމުގެ ފުރުސަތު އޮތްކަމަކަށް ނުބެލެވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ފާހަގަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ މާރިޗު 28 ވަނަ ދުވަހު އައު ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 17 ވަނަ ދުވަހު ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ހަމަ އެދުވަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!