ށ. ފޭދޫ އަދި ށ. ބިލެތްފަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މި މަޝްރޫޢުތަކުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޭދޫ އަށާއި ބިލެތްފައްސަށް ކުރެއްވި ޒިޔާރާތުގައެވެ.

Ad
rt

ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން ޤާއިމްކުރާ ފޭދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު އާއި އެމްއޭސީއެލް ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އަދި އެރަށު ކައުންސިލުގެ ރައީސްއެވެ.

ފޭދޫ ފިޓްނެސް ސެންޓަރު ތަރައްޤީކުރަނީ އިންޑޯ ޖިމާއި އެރޮބިކްސް އާއި އެކި ކަހަލަ އިންޑޯ ގޭމްތަކާއި ބޯޑު ގޭމް ކުޅެވޭގޮތަށެވެ. އަދި ޓްރޭނިންތައް ހިންގުމަށް ކްލާސްރޫމާއި މީޓިން ރޫމްވެސް މި ސެންޓަރުގައި ޤާއިމުކުރެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ބިލެއްފަހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ޑީސިޕީ (ރޓ) އަޙުމަދު ސަޢުދީއެވެ.

އެގޮތުން ބިލްތފަހީގައި ތަރައްޤީކުރާ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.56 މިލިއަން ރުފިޔާއަށް 180 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި ސެންޓަރުގައި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.