މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރަށްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ބިލެތްފައްސަށް ވަޑައިގެން ރޭ އެރަށު ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. މާލެއަށް ހުރިހާ ބާރެއް ބަރޯސާވެފައި އޮތުމީ ލާމަރުކަޒީ ނިޒާމު ކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާއި، އަދި ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އައްސަވައިގެން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ ފެނިވަޑައިގަންނަވާ ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ފުރިހަމަގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ. އަދި މި އުސޫލުން ގެންނަވާ ހުރިހާ ބަދަލަކީވެސް ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެވޭ ބަދަލުތަކެއްކަން ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ފުރިހަމައަށް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން ގެންދަވަނީ އިޤްތިޞާދީ ކަންކަން ރަނގަޅުކުރައްވަމުން، އެތެރެއާއި ބޭރުގެ ދަރަނި ޚަލާސްކުރައްވަމުން، އެކުވެރި ދަޢުލަތްތަކާ މަޝްވަރާކުރައްވައިގެން ބައެއް ދަރަނިތަކަށް ލުއި ގޮތްތައް ހޯއްދަވަމުންކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ރޭވުންތެރިކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ކާމިޔާބުވަމުން ދާކަމަށާއި، 2026 ވަނަ އަހަރަށް ދައްކަންޖެހޭ ސުކޫކު ޕޭމަންޓް ޚަލާސްކުރެއްވުމުގައިވެސް ކަންބޮޑުވުމެއް ނެތްކަމަށެވެ. އަދި މި ހުރިހާ މަސައްކަތެއްވެސް ކުރައްވަނީ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހާސިލުކޮށްދެއްވުމަށްކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.