ނ. ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފޮއްދިއްޕަރު ފަޅަކީ ފޮއްދޫ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ފަޅެކެވެ.
ރައީސް މިފަދައިން ވިދާޅުވީ ނ.އަތޮޅަށް ކުރަށްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށްވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.
ރައީސް ފޮއްދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ތަރައްޤީއަށް ހިންގާ ބައެއް މަޝްރޫޢުތައް މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.
މިގޮތުން، ރައްޔިތުންގެ 40 އަހަރުގެ ދިގު އުއްމީދެއްކަމަށްވާ ބަނދަރު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ފޮއްދޫ ޕޮލިސް ޕޯސްޓާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅުއްވާފައެވެ.
ރައީސް ވަނީ ރައްޔިތުން ބޭނުންވާ ފަދައިން މި މަޝްރޫޢުތައް ނިމިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލެބޯޓްރީގެ ޚިދުމަތް އިތުރުކުރުމުގެ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެން ފޮއްދޫއަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތައް ނިމުމުން، ރައްޔިތުންނާ އެކު އުފާފާޅުކުރެއްވުމަށް ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!