ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ޤާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ad
rt

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވިގޮތުގައި ތޮޅެންދޫ، މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އޮތުމުން، އެ މައްސަލައިގެ ޤާނޫނީ އިޖުރާޢަތްތަކުގެ ތެރެއިން މަގެއް ހޯއްދަވައި ދެއްވުމަށް އެޓާރނީ ޖެނެރަަލަށް މިހާރު ދަންނަވާފައެވެ.

’’މި ރަށުގެ ބައެއްގެ ގޮތުގައި ތޮޅެންދޫ ހަމަޖައްސައިދިނުމަކީ، އަޅުގަނޑު ނިންމާފައި އޮތް ކަމެއް. އެކަން ކުރުމަށް ބަލާއިރުގައި، ކުޑަ ތާށިކަމެއް ދިމާވެގެން މިއުޅެނީ. ކޯޓު މަރުޙަލާގައި މައްސަލައެއް އެބައޮތް. ދެން، އަޅުގަނޑު މީގައި ތަފްޞީލު މި ބަލައިލީ. އަޅުގަނޑު ބޭނުންވީ، މީގެ މާކުރިންވެސް، ދެތިންހަތަރު މަސް ކުރިންވެސް ބެލިން، މި ރަށުގެ ބައެއް ގޮތުގައި ހަމަޖައްސަން. އެހެންނަމަވެސް، އޭރުގައިވެސް އޮތީ، މި ދެންނެވި ގޮތަށް. ދެން، މި ދަތުރަށް އައުމުގެ ކުރިންވެސް އަޅުގަނޑު ބެލިއިރުގައިވެސް ކޯޓުގައި އޮތީ. އަމުރެއް އެބައޮތް. ދެން، މިކަން ވެފައި އޮތްގޮތް ބަލައިފިން. ބެލިއިރުގައި މިވާގޮތަކީ، މި އަތޮޅުގެ އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން މިއުޅެނީ. އަތޮޅު ކައުންސިލުން މައްސަލަ ހުށަހަޅައިގެން، އަމުރެއް ނެރުއްވާފައި ކޯޓުގައި މި އޮންނަނީ. ދެން، އަތޮޅު ކައުންސިލުން ކޯޓަކަށް ހާޒިރެއްނުވޭ. ހާޒިރުނުވީމާ، މައްސަލަ ނުހިނގައިގެން މިއުޅެނީ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ކަން އެހެން އޮތުމުން މާޅެންދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި އެމަނިކުފާނު ވަޢުދުވެފައި މިވާގޮތަށް، މާޅެންދޫގެ ބައެއް ގޮތުގައި ތޮޅެންދޫ ހަމަޖެއްސުމަށް ހުރަސްކުރިމަތިކުރުވާފައި މިއޮތީ އަތޮޅު ކައުންސިލުން ކަމަށެވެ.

އެހެންވީމާ، އަތޮޅު ކައުންސިލުން ހާޒިރުނުވެގެން، މައްސަލަ ނުހިނގައި އޮތީމައި އަޅުގަނޑު އެޓަރނީ ޖެނެރަލަށް ދަންނަވައިފިން، ޤާނޫނީ އިޖުރާތްތައް އޮންނަގޮތުގެ ތެރެއިން މަގެއް ހޯދަން. ސަރުކާރުގެ ތެރެއިން މިކަމުގައި، ރައްޔިތުންނަށްޓަކައި މި ރަށް، މި ދެންނެވި މަރުޙަލާއިން ސަލާމަތްކޮށް، ތިޔަބޭފުޅުންނާ ހަވާލުކުރެވޭނެ ގޮތެއް ފެނޭތޯ ބަލަން. އެހެންވީމާ، އެޓަރނީ ޖެނެރަލް އެ މަސައްކަތް ކުރައްވާނެ. އަތޮޅު ކައުންސިލުން މިކަމަށް ހުރަސްއަޅަމުން މިދަނީ.’’ ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ކަންކަން އޮންނަ ގޮތް ދަންނަވާ މީހެއް ކަމަށެވެ. އަދި އެއްވެސް މީހަކާ، ބަޔަކާ ދެކޮޅަށް ދުވަހަކުވެސް ވާހަކަ ދައްކާ މީހެއް ނޫން ކަމަށެވެ.

‘’އެހެންނަމަވެސް، ކަން އޮންނަ ގޮތް ބަޔާންކުރުމުގެ ގޮތުން މި ދަންނަވާލީ. އެހެންނޫންނަމަ، މިހާރު އޮންނާނީ ތިޔަބޭފުޅުންނާ އެ ރަށް ހަވާލުކޮށްފައި. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން. އޭރުން ތިޔަބޭފުޅުންނަށް ބައެއް މަސައްކަތްތައް އެތާނގައި ކުރެވޭގޮތަށް ކަންކަން ރޭވޭނީ.’’ ރައީސް ވިދާޅުވެފަވެއެވެ.