ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މިއަދު އުނިކޮށްފިއެވެ.

އެ ނިންމުން ނިންމިކަން ހާމަކޮށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން، ޕީޕީއެމް ގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް އެ ޕާޓީގެ ސެނެޓުން ނިންމައި، ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.

Ad
rt

އެހެންވެ، މިއަދުން ފެށިގެން ޕީޕީއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކުރީ 2 ޑިސެމްބަރު 2024 ގައެވެ.

އެކަމަށް ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމުގައި އެ ޕާޓީ އުވާލަން ހުށަހެޅުމުން ނެގުނު ވޯޓުގައި ބައިވެރިވި 42 ސެނެޓަރުން ވެސް ވޯޓުދެއްވީ އެ ޕާޓީ އުވާލަން ފެންނަކަށް ވޯޓުދިނުމުން، އެ ޕާޓީ އުވާލަން ފާސްކުރީ ސެނެޓަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމް އަކީ މި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

ޕީޕީއެމް އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން މިއަދު އުނިކޮށްފައިވާއިރު، ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 (ތިންހާސް) މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 (ތިންހާސް) މެންބަރުން ހަމަވެފައިނުވާތީ، އިއްޔެ ވަނީ ކުރީގެ ރައީސް އަލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދަވާފައިވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) ވެސް އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައެވެ.

ޕީޕީއެމް އުވާލާއި އީސީގެ ދަފުތަރުން ވަކިކުރުމުން މިވަގުތު އީސީގެ ދަފުތަރުގައި އޮތީ 9 ސިޔާސީ ޕާޓީއެކެވެ.