ހއ. އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ފެށޭނެކަމަށް ރައީސް ޑރ.ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.

އަންގާރަ ދުވަހު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އަށް ވަނަ މަންޒިލެއްގެ ގޮތުގައި ރޭ ހޯރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހޯރަފުށި ހިމެނޭ އިހަވަންދިއްޕޮޅު ސަރަޙައްދުގައި ''މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ''ގެ ނަމުގައި ވަރަށް މުހިންމު މަޝްރޫޢެއް ހިންގުމަށް ކަނޑައަޅާފައި ވާކަން ފާހަގަކުރަށްވާފައެވެ. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ވަނީ ފެށިފައިކަމަށްރައީސް ވަނީ ވިދާޅުވެފައެވެ.

Ad
rt

އިކޮނޮމިކް މިނިސްޓްރީން އެކަމާ ގުޅޭ ވަރަށްގިނަ ކަންތައް، ކެބިނެޓުގެ ނިންމުމާއި މަޝްވަރާތަކާ އެކީގައި ކުރިއަށްދާކަމަށާއި، އެމަނިކުފާނުގެ އަންދާޒާއަކީ، މި އަހަރުގެ މެދަކާ ހަމައަށްދާއިރުގައި، އެ މަޝްރޫޢުގެ މަސައްކަތް ޢަމަލީގޮތުން ފެށިގެންދިޔުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''މީގެކުރީގައި އެހެން ނަމެއް ކިޔާފައިވެސް، އެ މަޝްރޫޢެއް ގެންދަން އުޅުނު މަޝްރޫޢެއް މިއީ. އެހެންދާ ކަމަކަށް ނުވާނެ. އަޅުގަނޑުމެން ކަންކަން ކުރާނީ އިރާދަކުރެއްވިއްޔާ ހަމަ ޙަޤީޤީ މާނައިގައި އެކަންކަން ޑެލިވަރ ކުރުމަށް. ނަތީޖާ ނެރެދިނުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ސަރަޙައްދަށް، މި ރަށަށް، މި އަތޮޅަށް އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ފައިދާއެއް ކުރާނެ މަޝްރޫޢަކަށް އެ މަޝްރޫޢުވާނެކަމީ އަޅުގަނޑަށް ހަމަ ޔަޤީންވާ ކަމެއް. އެހެންވީމާ، އެކަން ވަރަށްބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށް ގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން'' ރައީސް ވިދާޅުވެފައެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަނީ، މެރިޓައިމް ޚިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް ފޯކަސްކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭގޮތަށެވެ. "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސެވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އިހަވަންދިއްޕޮޅުން މި މަޝްރޫޢަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑަށް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރަން ސަރުކާރުން ނިންމައި އެތަނުގެ އިންޓަގްރޭޓަޑް މަޝްރޫޢުގެ މާސްޓާ ޑިވެލޮޕަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް ހަމަޖެއްސާފައިވާއިރު އެ ކުންފުންޏަކީ 2 ޖެނުއަރީ 2024 ގައެވެ.

މިކުންފުނި އުފައްދާފައި ވަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށެވެ.

މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ފްރީ ޓްރޭޑް ޒޯންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި އިކޮނޮމިކް ސެކިއުރިޓީ ކަށަވަރުކުރުމަށްޓަކައި ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމާއި އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި ރާއްޖެއާ ރާއްޖެއިން ބޭރަށް އަމާޒުކޮށްގެން އިމްޕޯޓް، އެކްސްޕޯޓް، ރީއެކްސްޕޯޓް އަދި ޕްރޮސެސިންގ މަސައްކަތްތައް ހިންގުން މި ކުންފުނި އުފެއްދުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.