ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އެ ރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް "ކުލަ ބަގީޗާ" ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
ހަނިމާދޫ ބަނދަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ މި ޕާކް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. އެ ދުވަހު ޕާކް ހުޅުވުމުގެ ގޮތުން ކައުންސިލުން އިންތިޒާމް ކޮށްގެން އެތަނުގައި ވަނީ ކުޑަކުދިންގެ ހަވީރައް ބާއްވާފައެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އެތަނުގައި އެ ދުވަހު ހާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕާކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ބުނީ މި ޕާކަކީ ސަތޭކަ އިންސައްތަ ހަނިމާދޫ ކައުންސިލުން ތަރައްގީ ކޮށްގެން ހަދާފައިވާ ޕާކެއް ކަމަށާއި، މިއީ މި އަތޮޅުގައި އެންމެ ބޮޑެތި ކުޅޭ ސާމާނާއިއެކު ހުޅުވި ކުޑަކުދިންގެ ޕާކު ކަމަށެވެ.
ހަނިމާދޫ ކައުންސިލުން އެތަން ތަރައްގީކޮށްފައި ވަނީ ކެންޓީނަކާއި އެކުއެވެ. ކެންޓީނު ހިންގައިދޭނެ ބައެއް ހޯދުމަށް މިހާރު ކައުންސިލުން އިއުލާން ކޮށްފައިވާއިރު، ފިރާގު ބުނީ އެތަން ފުރިހަމަވެގެން ދާނީ ކެންޓީނުގެ ހިދުމަތް ފެށިގެން ދިޔުމާއިއެކު ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެތަނުގައި ކެންޓީނެއް ހެދުމުގެ އެންމެ ބޮޑުބޭނުމަކީ އެއީ ގިނަބަޔަކު ޖަމާވާނެ ތަނަކަށް ވުމުން އެތަނުން ތަފާތު ލުއި ބުއިންތަކާއި ތަފާތު ތައްޔާރީ ކާނާލިބެން ހުރުމުގެ އިތުރުން ޕާކް ސާފުތާހިރުކޮށް ބެލެހެއްޓުން އެ ވިޔަފާރިއާއި ހަވާލުވާ ބަޔަކާއި ހަވާލުކޮށް ޕާކްގެ އެންމެހާ ކަންކަން ފަސޭހަކަމާއިއެކު ރެގިއުލޭޓްކޮށް ބެލެހެއްޓުމެވެ.
ކުރިއަށް އޮތްތަނުގައި ހަނިމާދޫގައި އިތުރު ޕާކްތައް ތަރައްގީ ކުރުމަކީ ކައުންސިލްގެ ވިސްނުން ކަމުގައި ފާހަގަ ކުރަމުން ފިރާގު ބުނީ ބޮޑެތި ހަރަދުކޮށްގެން ކުޑަކުދިން ހިތް އުފާކޮށްލުމަށް ތައްޔާރުކުރެވޭ މިފަދަ ޕާކުތައް ރަނގަޅު ގޮތުގައި ހުރިހާ ފަރާތްތަކުން ވެސް ބޭނުން ކުރުމަކީ ކައުންސިލުގެ އެދުމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!