ލައިޓްނިންގ ޕޯޓް ހުރި އައިފޯނުތައް ވިއްކުން ޔޫރަޕްގައި ހުއްޓާލާކަން އިއުލާންކޮށްފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އީޔޫއިން ނިންމި ނިންމުމަކާ ގުޅިގެން، ލައިޓްނިންގ ޕޯޓް ހުރި އެޕަލްގެ ތިން އައިފޯނު މޮޑެލް އީޔޫގެ މާކެޓުން ނެގުމަށް ވަނީ ނިންމާފައެވެ. މިގޮތުން އައިފޯނު 14، އައިފޯނު 14 ޕްލަސް އަދި އައިފޯނު އެސްއީ 3 ވަނަ ޖެނެރޭޝަން ވިއްކުން ހުއްޓާލާނެ ކަމަށް ވަނީ ބުނެފައެވެ.
އީޔޫގެ ގަވާއިދުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ނިޔަލަށް އީޔޫގެ 27 ޤައުމުގައި ވިއްކޭ ހުރިހާ ފޯނަކާއި އެހެނިހެން ބައެއް އިލެކްޓްރޯނިކް ސާމާނުގައި ޔޫއެސްބީ-ސީ ޕޯޓް ހުންނަންވާނެއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އިލެކްޓްރޯނިކް ކުނި މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
ފްރާންސްގެ ވެބްސައިޓެއް ކަމަށްވާ އައިޖެނެރޭޝަންގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މި ތިން މޮޑެލްގެ އައިފޯނުތައް ޑިސެމްބަރު 28 ވާ ހޮނިހިރު ދުވަހުން ފެށިގެން އީޔޫގެ އެޕަލް ސްޓޯތަކުން ނުލިބޭނެއެވެ. ނަމަވެސް އެހެން ވިޔަފާރިތަކުގައި ހުރި މި މޮޑެލްތައް ސްޓޮކް ހުސްވަންދެން ވިއްކުމުގެ ފުރުސަތު އޮތް ކަމަށް ވެއެވެ.
އެޕަލްއިން މިދިޔަ އަހަރު ނެރުނު އައިފޯނު 15 ސީރީޒްގައި ވަނީ ޔޫއެސްބީ-ސީ ޕޯޓް ބޭނުންކޮށްފައެވެ. އަދި މީގެ ކުރިން ވެސް ހުރިހާ އައިޕެޑް މޮޑެލްތަކެއްގައި ވެސް ވަނީ ޔޫއެސްބީ-ސީ ޕޯޓަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!