ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާއިން ފުން އަސަރެއްކުރިކަމަށާއި، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ، އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވިދާޅުވީ، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންނެވެ.

ބުރާސަފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އާއި، އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ، އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ހުރި ދެ ޢިމާރާތް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

ރައީސް ވިދާޅުވީ، އެތަންތަން އެނދި ހާދިސާއަކީ، އެމަނިކުފާނަށް ވެސް ފުން އަސަރުތަކެއް ކުރުވި ހާދިސާއެއްކަމަށެވެ. އަދި އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ، އެމަނިކުފާނުވެސް އެކި ދުވަސްވަރު އެ ތަންތަނުގައި ޚިދުމަތްކުރެއްވި އިދާރާތަކެއް ކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވީ މަންޒަރު ފެނިވަޑައިގަތުމުން އަސަރުކުރެއްވިކަމަށެވެ.

ރައީސް ވިދާޅުވީ، މި ގޮންޖެހުމާ ކުރިމަތިލެއްވީ ވަރަށް ހިތްވަރާ އެކުގައިކަމަށެވެ. އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެ ރޭ ފެއްޓެވި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ މިއަދު ހެނދުނު 8 ޖަހާއިރު އެ ވުޒާރާތަކުން ޚިދުމަތް ދޭން ފަށާނެކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފައެވެ.