މި އަހަރުގެ ރޯދަމަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ.

އެ ބޭންކުން ބުނި ގޮތުގައި ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ބޭންކް ހުޅުވާފައި ހުންނާނީ އެ ގަޑީގައެވެ.

Ad
rt

ބީއެމްއެލް އިން ބުނީ، ރޯދަމަހުގެ ފަހު ދިހައެއްގައިވެސް އެ ބޭންކުން ހިދުމަތް ދޭނެ ކަމަށެވެ. އެ 10 ދުވަހު ހިދުމަތް ދޭނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަމަހު ލިބޭނެ ކަމަށް ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނުވަތަ އާޔާ އަދި ފޭސްބުކް މެސެންޖާ އިން ލައިވް އޭޖަންޓަކާ ވާހަކަ ދައްކައިގެންވެސް ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ބީއެމްއެލް މޯބައިލް އެޕް، ވަޓްސްއެޕް، ވައިބާ އަދި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ބޭންކުގެ ހިދުމަތް ހޯދޭނެއެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯދުމަށް އެދިފައެވެ.