އުލިގަމުގެ މަސް ފިހުމުގެ ތަފާތު ހަރަކާތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މިއީ އުލިގު ރައްޔިތުން ޒަމާންތަކެއްވަންދެން ކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަ ކަމާއި ރީތި ސަގާފަތް ވަރަށް ރީއްޗަށް ދައްކައިދޭ ހަރަކާތެކެވެ.

Ad
rt

އުލިގަމުގެ ރައްޔިތުން އަބަދުވެސް ބޭނުން ވަނީ އެ އެއްބައިވަންތަ ކަމާއި ސަގާފަތް ރަށުން ބޭރުވެގެން ދިޔަ ނުދީ ހިފަހައްޓާފައި ބާއްވާށެވެ. އަދި އެ އެއްބައިވަންތަ ކަމުގައި އެންމެން ބައިވެރި ކުރަން އަވަށްޓެރި ރަށްރަށުގެ މީހުން އެރަށަށް އެރުމަށް އެރަށުމީހުން ތަރުޙީބުދެއެވެ. ކުރިން ޝައްވާލް މަހުގެ ހަ ރޯދަ އަށްފަހު ރަށު ރައްޔިތުން ގުޅިގެން ހާއްސަ މަސް ފިހުމެއް ބާއްވަމުން އައިސް މިއަހަރު މިހަރަކާތް މިބޭއްވީ ތަފާތު ދުވަސްވަރެއްގައެވެ.

އުލިގަމު ކައުންސިލް މެންބަރު ބުނީ މިއަހަރު ތަފާތުދުވަސް ވަރެއްގައި މިބޭއްވީ ރޯދަމަސް ނިންމާ ދުވަސްވަރު މަސްލިބުމުގެ ދަތިކަން ހުރުމާއި އެކު ރައްޔިތުންނާއި މަޝްވަރާކޮށް އެގޮތަށް ރައްޔިތުން ބޭނުންވުމުން ކަމުގައެވެ.

އުލިގަމު މަސްފިހުމުގައި ވަކި އުމުރެއް ނެތި މިކަމުގައި ބައިވެރިވާއިރު ކުދި ބޮޑު އެންމެން މުޅި ރަށް އެއްކޮށް މިކަމުގައި ސާމިލްވެއެވެ. އުލިގަމު މަސް ފިހުން ފެށިގެން އައީ ކޮން އަހަރަކު ކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މެދުކެނޑުމެއް ނެތި މަސް ފިހުމުގެ ހަރަކާތް އުލިގަމު ރައްޔިތުން ކުރިއަށް ގެންދާތާ ވަރަށް ގިނަ ޒަމާން ވެއްޖެއެވެ. ޒުވާން ގުރޫޕަކުން ފެށި މަސް ހިފުން ފުޅާވެ ރައްޔިތުންނަށް ބަދަލުވީ ކަމަށް އެރަށޫން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

"ސީދާ ބުނާކަށް ނޭނގެ ކޮން އަހަރަކު ކަމެއް މިކަން ފެށީ. އަހަރުތަކެއް ވެއްޖެ މިކަން އޮންނަތާ... 2،000 ވަނަ އަހަރުން ފެށިގެންނޭ ބޮޑަށް ހަނދާންވަނީ. މުޅިން ޔަގީނެއް ނޫން، އެކަމަކު ބައެއް މީހުން ބުނާ ގޮތުގައި މިއީ އެތަކެއް ޒަމާންވެ ހުއްޓިފައި އޮތުމަށްފަހު ފެށި އަލުން އާލާވި ކަމެއް، އެ ހަގީގަތެއް ވެސް މާބޮޑަކަށް ނޭނގޭ،"

އުލިގަމު މަސް ފިހުމާ ބެހޭ ގޮތުން ކައުންސިލްގެ މެންބަރު އިމާދު އަބްދުﷲ ބުނެފައިވެއެވެ.

އިމާދު ބުނީ މިއަދު ކުރިއަށް ދިޔަ މިހަރަކާތުގައި އެރަށުގެ 4 ދޯނި މަހަށް ގޮސްފައިވާކަމަށާއި މިއަދު އެރަށުގައި 699 މަސް ފިހެފައިވާކަމަށެވެ. އަދި މަސްފިހުން އިންނަ ދުވަހު އެރަށު އެއްވެސް ދޯންޏެއް އަމިއްލަ ބޭނުމަކު މަހަކަށް ނުދާނެއެވެ.

އެ ދުވަހު ބާނާނީ "މާސް މަސް ފިހުމަށް" ބޭނުން ކުރާނެ މަސް، އަދި ގުރޫޕް ގުރޫޕަށް އެދުވަހު ދަނީ ހާއްސަ ހަރަކާތަށް ބޭނުންވާ މަސް ބާނަން، ވަކި ހާއްސަ ވައްތަރެއްގެ މަހެއް ނެތް، ވިހަ އެއް ނޫނިއްޔާ ބޭނުން ކޮންމެ މަހެއްވެސް އެންމެ ރަނގަޅު، ފަރު މަހެއް ވިޔަސް ކަނޑުމަހެއް ވިޔަސް އޯކޭ، އެކަމަކު ތާޒާ މަސް، މުޅިން ވެސް އެދުވަހު ބާނާ ނޫނީ ހިފާ ތާޒާ މަސް މިހަރަކާތުގައި ފިހާނީ، އެ ދުވަހު ބާނާ މަސް ބޭނުން ކުރަނީ، ކުރީބައިގައި ބާނައިގެން ފްރިޖްކޮށެއް ނުހަދަން، މަސްވެސް ބޭނުނު އަދަދެއް ހަމަ ރަނގަޅުވާނެ،

އިމާދު ބުނެފައިވެއެވެ.

މިއަދު އެރަށުގައި އޮންނަ ހަމަ އެކަނި ކަމަކީ މަސް ފިހުން އެކަންޏެއް ނޫނެވެ. ފިރިހެންވެރިންގެ އަތްމައްޗަށް މަސް ފިހުން ދޫކޮށްލާފައި އަންހެންވެރިންނަށް ވެސް ހާއްސަކަމެއް ކުރެއެވެ. މަހާއެކު ކާން މީރުކޮށް ބޮނޑިބަތް ކެއްކުމާއި ފޮނިކާތަކެތި ތައްޔާރު ކުރުމެވެ. މިކަންވެސް ކުރިއަށް ދާނީ މަސް ފިހުމުގެ ހަރަކާތް ކުރިއަށްދާ ސަރަހައްދުގަ އެވެ. ފަނުގެ އޮށިން މަސްފިހާ އޫ ހެދުމާ މިރުސް ތައްޔާރުކުރުމުގައި ވެސް ވަކި ގްރޫޕްތަކެއް ހަރަކާތްތެރިވާނެ އެވެ.

ތިލަދުން | Thiladhunފޮޓޯ: އުލިގަމު ރައްޔިތުންގެ މަސް ފިހުން: އެއްބައިވަންތަކަމުގެ ތަފާތު މިސާލެއް!ތިލަދުން - ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ އެންމެ ފަހުގެ ޚަބަރާއި، ތަޙުޤީޤީ ރިޕޯޓާއި، މުޖުތަމަޢުގެ އަޑު.

މިއަދު ކުރިއަށް ދިޔަ މި ހަރަކާތުގައި އުލިގަމު ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުން ވެސް މީހުން ބައިވެރިވެފައިވެއެވެ. އެއީ އަބަދުވެސް އޮންނަ ގޮތެވެ. އެއްބައިވަންތަ ކަމުގެ ދެވަނަ އެއްނެތް ހަރަކާތް ބަލާލުމަށް މިފަހަރުވެސް ގާތްގަނޑަކަށް 100 ހާ ރަށުން ބޭރު މީހުން ބައިވެރިވެފައިވާކަމަށް އެރަށުން ވާޙަކަ ދެއްކި މީހަކު ބުނެފައިވެއެވެ.