ދިވެހިރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކަށް ހއ. އުލިގަން ސުކޫލުގެ ޕްރިންސިޕަލް ސައުދުﷲ އިދްރީސް ހުށަހެޅުއްވި "އަޒުމް" ހަމަޖައްސާ އެކަން އިއުލާން ކޮށްފި އެވެ.

މިކަން އިއުލާން ކުރީ ސްޕޭސްމިޝަނުގެ މަސައްކަތުގައި ހިއްސާވާ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެވެ.

Ad
rt

ސައުދުﷲ ހުށަހަޅުއްވާ ދެއްވި މި ނަމަށް އެޗްޑީސީން ޝުކުރު އަދާކޮށް ބުނީ މި ސްޕޭސް މިޝަންގައި ޅަ ކުދިންގެ ޚިޔާލުތައް ހަނދާ ހަމައަށް ގެންގޮސްދީ އެކުދިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

30 އަހަރުން ދަށުގެ ހަތް މެންބަރުން ހިމެނޭ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގައި ރާއްޖޭގެ ސްޕޭޝް މިޝަންގެ މި ޓީމުން މަސައްކަތް ކުރާނީ ރާއްޖޭގެ ފުރަތަމަ ޕްރޯޓައިޕް ސެޓްލައިޓް ހަދާ ޓެސްޓު ކުރުމުވެ.

މި މެންބަރުންނަކީ އެރޯސްޕޭސް އިންޖިނިއަރުންނާއި، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ނެވެ.

އެމެންބަރުންނަކީ ރ. އަލިފުށި ހުސައިން އައްސަދާއި، އއ. ބޮޑުފުޅަދޫ އަހުމަދު އީޖާޒް އަބުދުﷲ އާއި މާލެއަށް ނިސްބަތްވާ މަރިޔަމް މަހްރޫސާ އަބްދުއްރަހްމާނާއި ގދ. ރަތަފަންދޫ މަރިޔަމް ޝިމާނަތް އާއި މާލޭ މުހައްމަދު އަޝްހަމް މުޖުތަބާ އަދި ހއ އިހަވަންދޫ މުހައްމަދު ޖުނައިދެވެ.

މި މިޝަން އަކީ ދިވެހި އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.