ކޯވިޑް-19 ޖެހިގެން ލަންކާގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ލަންކާގައި މިވަގުތު ކޯވިޑް ބަލި ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. ބަލީގެ ހާލަތު ގޯސްވުމުގެ ސަބަބުން މިވަގުތު އެ ޤައުމު އޮތީވެސް ފުރަބަނދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

Ad
rt

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މީޑިއާއަށް ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ.

މީގެއިތުރުން މިއުވާން ވަނީ ލަންކާގައި އުޅުއްވާ ދިވެހިން ލަންކާގެ ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބާ ރައްކާތެރިވެ ތިއްބެވުމަށް އިލްތިމާސް ވެސް ކޮށްފައެވެ.

ލަންކާއަކީ ގިނައަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ.

އެ ޤައުމުގައި ކޯވިޑް ބަލީގައި މިހާތަނަށް 8157 މީހަކުވަނީ މަރުވެފައެވެ. އިއްޔެ އެކަނި ވެސް އެ ޤައުމުން ކޯވިޑް ބަލީގައި ވަނީ 209 މީހަކު މަރުވެފައެވެ.