އަދާލަތު ޕާޓީއަކީ ހދ. ވައިކަރަދޫ ރައްޔިތުން އެދޭފަދަ ޝަރަފްވެރި ފިކުރެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެ ޕާޓީން “ސާފު އަމާޒަކަށް” ޝިއާރުގެ ދަށުން ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މިހާރު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި ވައިކަރަދޫއަށް ވަޑައިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

"ތިލަދުންމަތީ ވައިކަރަދޫއަށް އާދެވުނީމަ އަބަދުވެސް އަޅުގަނޑަށް ޔަޤީން ވަނީ މާތްﷲ ގެ ވާގިފުޅާއިއެކު އަދާލަތު ޕާޓީ ތާނީ ކުރިއަށް ކަން، އަދާލަތު ޕާޓީއަކީ ފިކުރެއް، ވައިކަރަދޫ ރައްޔިތުން އެދޭފަދަ ޝަރަފްވެރި ފިކުރެއް" އެ ޓްވީޓްގައި އެ މަނިކުފާނުގެ ވިދާޅުވެފައި ވެއެވެ.

ވައިކަރަދޫއަކީ އަދާލަތު ޕާޓީގެ ތާއީދު ބޮޑު ރަށެއްކަން ފާހަގަ ކޮށްލެވެއެވެ.

އަދާލަތު ޕާޓީން އެ ޕާޓީއަށް 10000 މެމްބަރުން ހަމަކުރުމަށް އަމާޒުހިފާފައިވާއިރު، މިހާރު ތިލަދުންމަތީގައި އެ ޕާޓީގެ ބައެއް އިސް ފަރާތްތައް ހިމެނޭ ވަފުދެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

މީގެކުރިން ވެސް އެ ޕާޓީން ވަނީ 10000 މެމްބަރު އެ ޕާޓީއަށް ހަމަކުރުމުގެ ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިހާތަނަށް އަދި އެ ޕާޓީއަށް އެ އަދަދަށް މެމްބަރުން ހަމަކުރެވިފައި ނުވެއެވެ.

އަދާލަތު ޕާޓީއަކީ މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ވެސް މެއެވެ.